ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ މޮޅު ޓޭންކު ކަމަށްވާ އަބްރަމް ޓޭންކަރުތައް އަދިވެސް ހަނގުރާމައިގެ ކުރީ ސަފުގައި ބޭނުން ކުރަމުންދާ ކަމަށާއި ނަމަވެސް އެ ޓޭންކަރުތަކަށް ރަޝިއާގެ ޓޭންކަރު ތައް ބަލި ނުކުރެވޭ ކަމަށް ޔޫކުރޭނުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާ އިން މިހެން ބުނެފައިވަނީ ރަޝިއާގެ ޑުރޯން ހަމަލާތަކުގެ ބިރަށް ޔޫކުރޭނުން އެމެރިކާގެ މޮޅު އަބްރަމް މަރުކާގެ ޓޭންކަރުތައް ހަނގުރާމައިގެ ކުރީ ސަފުން ފަހަތައް ޖައްސައިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ މައި އިދާރާ ޕެންޓަގަން އިން ބުނެފައި ވަނިކޮށެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާގެ ޓޭންކަރު ޔުނިޓްގެ ސިފައިންނާއި ހަވާލާދީ ބިޒިނަސް އިންސައިޑަރ ނޫހުން ބުނެފައިވަނީ ރަޝިއާ އާއި ދެކޮޅަށް ޔޫކުރޭނުގެ އަސްކަރިއްޔާ އިން ކުރަމުންދާ ދިފާއީ ހަނގުރާމައިގައި އަދިވެސް އެމެރިކާގެ އަބަރަމް މަރުކާގެ ޓޭންކުތައް ހަނގުރާމައިގެ ކުރީ ސަފުގައި ބޭނުން ކުރަމުންދާ ކަމަށާއި ނަމަވެސް ރަޝިއާގެ ޓޭންކުތަކާއި ހަނގުރާމަ ކުރާ އިރު އަބްރަމް ޓޭންކުތަކަށް ކާމިޔާބު ނުހޯދޭ ކަމަށެވެ.

އެމެރިކާގެ އަބްރަމް ޓޭންކުތަކަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ތަކާއި އެކީ އެންމެ ފަހުގެ ހަތިޔާރުތަކާއި ރާޑަރު ތައް ހިމަނައިގެން އުފައްދާފައިވާ މޮޅު ޓޭންކުތަކެކެވެ. އަދި މި ޓޭންކުތަކަކީ ރަޝިއާގެ ޓޭންކުތަކަށް ވުރެ ދުވެލި ބާރު ޓޭންކުތަކެކެވެ.

މި ހުރިހާ މޮޅު ވަޞީލަތް ތަކާއި އެކީ ވެސް ހަނގުރާމައިގެ އަމަލީ މައިދާނުގައި ރަޝިއާގެ ދުވަސްވީ ޓޭންކުތައް ދަނީ އެމެރިކާގެ މޮޅު އައު ޓޭންކުތައް ސުންނާފަތި ކުރަމުންނެވެ.