ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލަށް މުދާ އުފުލާ ކޮންމެ އުޅަނދަކަށް ރަތް ކަނޑުގައި ހަމަލާދޭނެ ކަމަށް ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ހޫތީންގެ ޖަމާއަތުން ބުނެފިއެވެ.

ޔަމަނުގެ ބޮޑު ބައެއްގައި މިހާރު ވެރިކަން ކުރަމުންދާ ހޫތީ ޖަމާއަތުގެ ވެރިޔާ އަބްދުލް މަލިކް އަލް ހޫތީ ބުނެފައިވަނީ ޔަހޫދީ އިސްރާއީލަށް މުދާ ފޯރުކޮށްދޭ ކޮންމެ އުޅަނދަކީ މިހާރު ހޫތީ ހަނގުރާމަވެރިންގެ މިސައިލް ތަކާއި ޑުރޯންތަކުގެ އަމާޒެއް ކަމަށެވެ.

" އެއްވެސް އުޅަނދެއް އިސްރާއީލަށް މުދާ ފޯރުކޮށްދޭ ކަން އަހަރެމެންނަށް ފާހަގަވެއްޖެ ނަމަ އެ އުޅަނދަކަށް އަހަރެމެން ހަމަލާދޭނަށް. އެއީ ކޮންމެ ގައުމެއްގެ އުޅަނދަކަށް ވިޔަސް އަދި ކޮންމެ މަންޒިލަކަށް ދަތުރުކުރާ ބޯޓަކަށް ވިއަސް" ހޫތީންގެ ވެރިޔާ އަބްދުލް މާލިކް އަލް ހޫތީ ބުންޏެވެ.

އޭނާ ބުނެފައިވަނީ ރަތް ކަނޑުގައި ދެން ހޫތީންގެ ހަމަލާތައް ކުރިއަށް ވުރެ މާ ވަރުގަދަވާނެ ކަމަށާއި ހީވެސް ނުކުރާނެ ފަދަ އަމާޒުތަކުން ދެން ހަމަލާތައް ދޭނެ ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރިކަން މިހާރު ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި ރަފަހް އަށް އެއްގަމު މަގުން އަރައިފި ނަމަ ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ޝަހީދުވާނެކަން އެނގޭ އިރުވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން ހަމަލާތައް ދެމުން ދަނީ ފަލަސްތީނުގެ މުސްލިމުންގެ ފުރާނަ އަށް އެއްވެސް ހުރުމަތްތެރިކަމެއް ޔަހޫދީން ނުދައްކާތީ ކަމަށް ވެސް ހޫތީ ޖަމާއަތުގެ ވެރިޔާ އަބްދުލް މަލިކް އަލް ހޫތީ ވަނީ ބުނެފައެވެ.

ހޫތީން ރަތް ކަނޑުގައި ދެމުންދިޔަ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑެތި ބުރޫތަކެއް އަރާފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން ރަތް ކަނޑުގައި ހޫތީން ބަލިކުރެވޭތޯ ދިން ހަމަލާތަކުގެ މާ ބޮޑު އަސަރެއް ހޫތީންނަށް ކޮށްފައިނުވާ ކަމަށް މެދުއިރުމަތީގެ ހާލަތު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްގު

    ފިސާރި ދިލަނަގާވަރުގެ އެތިފަހަރު ވީއްލާތި މިފަހަރު ޖެހޭނެ މިސައިލުންނާއި ޑްރޯނުން ހަމަލާދޭ ކޮންމެ ޝިޕެއް ކަނޑުފައްތާލަން. އައްސަރިބަސް އީރާނުގެ ރޫހާނީލީޑަރުގެ އަރިސްވެރިޔާ އަބްދުލް މަލިކުއަލްހޫތީ އަށް

    12
  2. މޯލްޑިވްސް

    ޔަމަން އިޒް ލަވް