ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ހަމަލާދޭން ބޭނުންވާ ހުރިހާ ހަތިޔާރު ހުރި ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފިއެވެ.

ނިރުބަވެރިން މިފަދައިން ބުނެފައިވަނީ އެބައި މީހުން ރަފާހަށް އެރުމާއި ދެކޮޅަށް އެމެރިކާއިން ތެދުވުމާއި ގުޅިގެންނެވެ. އެގޮތުން އެމެރިކާއިން ވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދެކޮޅަށް ހަދާ އިންޒާރު ދީފައެވެ.

އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެމެރިކާގެ ހަތިޔާރާއި ނުލައި އިސްރާއީލަށް ރަފާހަށް އަރައިގަނެވޭނެތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު، ޑެނިއަލް ހަގަރީ ބުނެފައިވަނީ އެމީހުން އަތުގައި ހަތިޔާރު އެބަ ހުރި ކަމަށާއި ރަފާހަށް އަރައިގަތުމަށް ބޭނުންވާ ހަތިޔާރު ވެސް ހުރި ކަމަށެވެ.

"އަސްކަރިއްޔާއިން ރާވާ އޮޕަރޭޝަންތަކަށާއި ރަފާހަށް އަރައިގަންނަ ވަރަށް ހަތިޔާރު އެބަހުރި." އޭނާ ބުންޏެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ، މިމަހުގެ 6 ވަނަ ދުވަހު ވަނީ ރަފާހުގެ މީހުން ހުސްކޮށް، މިސްރާއި ރަފާހާއި ގުޅޭ ބޯޑަރު އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައެވެ. އަދި ރަފާހުގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، އެތަކެއް ބަޔަކު ޒަހަމްކޮށް، އެތަކެއް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިޔާދު

    ޣައްޒާގެ ސަރުކާރުގެ ބާރެއް މިހާރު އެރަށުގައި ނުހިނގާ.. އިޒުރޭލުސިފައިންގެ ބާރު މިހާރު މުޅި ޣައްޒާގައި ހިނގަމުން ދާއިރު ޣައްޒާގެ ޢާންމު ރައްޔިތުން މަރަންޖެހޭ ސަބަބެއް މިހާރަކު ނެތް. އެރަށުގެ ޢާންމު ރައްޔިތުންނަށް އެއްވެސް ކަމަކުން ދަތި ކުރަންޖެހޭ ސަބަބެއްނެތް. ޤަތުލު ޢާންމު ހިންގުން ނޫން އެހެންކަމެއް ނެތް.