ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެހީއަށް ބޭނުންވެފައިވާ ޣައްޒާއަށް އެމެރިކާއާއި އުރުދުން އިން ވައިގެ މަގުން އެހީ ފޯރުކޮށްދީފިއެވެ.

އެމެރިކާއާއި އުރުދުންއިން ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފައިވާއިރު، މި ދެ ގައުމަކީ ވެސް މި ހަނގުރާމައިގެ ތެރޭގައި ޣައްޒާއަށް އެހީތެރިވަމުން އަންނަ ދެ ގައުމުކަން ފާހަގަ ކޮށްލެވެއެވެ. އަދި ދާދި ފަހުން، އީރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާތައް ވެސް ހުއްޓުވުމުގައި މި ދެގައުމުން ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާއާއި އުރުދުންގެ ވައިގެ ސިފައިންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އެ ދެ ގައުމުން ގުޅިގެން މިއަދުގެ ވަގުތެއްގައި ޣައްޒާގެ އުތުރަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. މި އެހީ ފޯރުކޮށްދީފައިވަނީ މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން އާންމުން ވަރަށް ހާލުގައި ތިބުމުން ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރީ ވެހިކަލްތަކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ވަގުތުން ކެވޭ ކަހަލަ 25،300 ކާބޯތަކެތި ހިމެނޭއިރު، އުރުދުން އިން ވަނީ 6،000 ޕައުންޑުގެ ކާބޯތަކެތި ފޯރުކޮށްދީފައެވެ. އެެމެރިކާއިން ފޯރުކޮށްދިން ކާބޯތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 1،220 ޓަނު ހުންނާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި އެހީގެ އިތުރުން ވެސް އެމެރިކާއިން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެފަދަ އެހީތެރިކަން ދޭން އެގައުމުން އޮންނާނެ ކަމަށެވެ.