ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއީލުގެ ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އިމާރާތްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ގޮއްވާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ ކޮން އިރަކު ކަމެއް އަދި ޔަގީން ވެފައި ނުވި ނަމަވެސް އެފަދަ ހަމަލާއެއް ދީފައިވާކަން އަލްޖަޒީރާ ނޫހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން އެނޫހުން ބުނި ގޮތުގައި ނިރުބަވެރިން ހަމަލާތަކެއްދީ ގޮއްވާލާފައިވަނީ ރަފާހުގެ އިރުމަތީގައި ހުންނަ ގެތަކެވެ. ނަމަވެސް ގޮއްވާލާފައިވަނީ ކިތަށް އިމާރާތްތަކެއް އަދި މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރަފާހުގެ އިތުރުން ވެސް ޣައްޒާ ސިޓީގެ ކައިރީގައި އޮންނަ ސަބްރާ އަދި ޒައިތޫން ސަރަހައްދަށް ވެސް ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަަމަލާތަކެއް ދީފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމާސްއާއި ދެކޮޅަށް ހަނގުރާމަ ފުޅާކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ވަނީ ގިނަ އަދަދެއްގެ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ރަފާހަށް ވަނުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެތަނުގައި ދިރިއުޅޭ ރައްޔިތުން އެމީހުންގެ ގެތަކުން ބޭރުކޮށް، ރަފާހު ދޫކޮށް ދިއުމަށް އިންޒާރުދީ، ރަފާހާއި މިސްރާއި ގުޅޭ ބޯޑަރުގެ ބާރު ނަގައި، ބައެއް ސަރަހައްދުތަކަށް ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ރަފާހުން 24 ގަޑިއިރު ތެރޭގައި 23 މީހަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.