ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެސަރަހައްދުގައި ހިންގަމުން އައި ހޮސްޕިޓަލްތައް ހުސްކޮށް، ބަންދު ކުރަން ޖެހިއްޖެއެވެ.

ނިރުބަވެރިން މިމަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރަފާހްއާއި މިސްރާއި ގުޅުނު ބޯޑަރު ސަރަހައްދުގެ ކޮންޓްރޯލް ނަގައި، އާންމުން އެތަނުން ނުކުތުމަށް ވަނީ އަންގާފައެވެ. އެ އެންގުން އެންގުމަށްފަހު، ނިރުބަވެރިން ވަނީ ރަފާހުގެ އާންމުން ދިރިއުޅޭ އިމާރާތްތައް ހިމެނޭހެން ގިނަ ތަންތަނަށް ހަމަލާދީފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ވުމާއި އެކީ މިވަގުތު އެސަރަހައްދުގައި ހުރި ހޮސްޕިޓަލްތައް ވެސް ވަނީ ބަންދު ކުރަން ޖެހިފައެވެ. ރަނގަޅު ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ފަރުވާއަށް ބޭނުންވެފައިވާ ބަލި މީހުންނަށް އެތަންތަނުން ބޭރަށް ދިއުމަށް ވަނީ މަޖުބޫރުވެފައެވެ.

މިއާއި އެކީ ބަލި މީހުންނަށް ވަނީ ފަރުވާ ލިބޭނެ މަގެއް ނެތި ގޮތް ހުސްވެފައެވެ. އެއީ ރަފާހަށް އަދި ރަފާހުން ބޭރަށް ވެސް އެއްވެސް ބަޔަކަށް ނުދެވޭތީއެވެ.

ފަލަސްތީނުގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ޒާގޫތު ބުނެފައިވަނީ ހޮސްޕިޓަލުގައި އެނދު ވެސް ނެތް ކަމަށާއި ސީރިއަސް ހާލަތަށްދާ ފަރާތްތަކަށް ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ވެސް ނެތް ކަމަށެވެ.

ރަފާހުގެ ހޮސްޕިޓަލްތައް ކަމަށްވާ އަލް-ނައްޖާރުގެ ހިދުމަތް އެއްކޮށް ހުއްޓިފައިވާއިރު، ކުވައިތީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ވަރަށް ހާލު ދެރަވާ ފަރާތްތަކަށެވެ.