ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފަހަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އެތަނުގައި ދިރިއުޅެމުން އަންނަ 100،000 އަށްވުރެ ގިނަ މީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް އދ އިން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދެމުންގެންދާއިރު، އެތައް ހާސްބަޔަކު ޝަހީދުކޮށްލާފައި ވެއެވެ. އަދި އެތައް ހާސް އާއިލާތަކެއް ބިކޮށް، އެތައް ހާސް އާއިލާއެއްގެ ގެދޮރު ސުންނާފަތިކޮށްލާފައި ވެއެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އެންމެ ރައްކާތެރި ހިސާބެއް ކަމަށް ބެލެވިފައި އޮތީ ރަފަހްއެވެ. ރަފްހްގައި މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް އެކި ފަހަރު މަތިން ރަފަހްއަށްވެސް ހަަމަލާތައް ދީ އެތައް ބަޔަކު ޝަހީދުކޮށްލިއިރު، ރަފަހްއަށް އަރައިގަނެ ހަމަލާތައް ދޭން ފެށީ މެއި ހައެއްގައެވެ. މިއާއެކު އެތަނުގައި ދިރިއުޅެމުންދިޔަ އެތައް ބަޔަކަށް ބިރުވެރިކަމާއި ކުރިމަތިލާފައިވާއިރު، އެ ނާމާން ސަަރަހައްދު ދޫކޮށް ދަތުރުތައް ފެށިއެވެ.

ޔޫއެންއާރުޑަބްލިއުއޭ އިން ބުނި ގޮތުގައި ފަލަސްތީނުގެ 110،000 އެއްހާ މީހުން ރަފަހް ދޫކޮށް ފިލާފައިވަނީ މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ރަފަހުގެ އިރުމަތީ ފަރާތަށް ސިފައިން ގެންގޮސް އެ ސަރަހައްދަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަން ފެށި ފަހުންނެވެ. މި ހަމަލާތައް ވަރުގަދަ ކުރުމުގެ ކުރިން އެ ދުވަހުގެ ރޭގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ރަފާހް ހުސް ކުރަން އަންގައި، އެތަނަށް ވަދެގަނެފައެވެ.

ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.