އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް އދ.ގެ އާންމު މަޖިލީހުން ތާއީދުކޮށް، ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ރައްޔިތުން ބައިވެރިވުމުގެ ހައްގު ލިބޭ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އދ.ގެ ސަލާމަތީ މަޖިލީހުން އެމައްސަލަ އަލުން މުރާޖައާ ކުރުމަށް ލަފާދީފިއެވެ.

ފަލަސްތީނުގެ ދައުލަަތަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ތާއީދު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިންވެސް ގޮވާލާފައި ވެއެވެ. އަދި މި މައްސަލައަކީ ރާއްޖެއިން ކޯ ސްޕޮންސާ ކޮށްފައިވާ މައްސަލައެއްވެސް މެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަގުފަހިކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް އެމެރިކާއިން ވަނީ އޭޕްރިލް 18ގައި ވީޓޯކޮށްފައެވެ.

މިއަދު 193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ އާންމު މަޖިިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި މިއަދު ނެގި ވޯޓަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމުގެ ބައިނަލްއަގުވާމީ ސާވޭއެކެވެ.

މިއަދުގެ އެސެމްބްލީން ގަރާރު ފާސްކުރީ 143 ވޯޓުންނެވެ. އެއީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ނުދީ، އެ މީހުންނަކީ ބައިވެރިވުމުގެ ހައްގު ލިބޭ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އެމެރިކާ އާއި އިސްރާއީލު ހިމެނޭ ގޮތަށް ނުވަ ގައުމަކުން އެ ގަރާރާއި ދެކޮޅަށް ނުކުތްއިރު، 25 ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ. މި ވޯޓަކީ އަދި ފަލަސްތީނަށް ލިބޭ ފުރިހަމަ މެމްބަރުކަން ލިބިދޭ ވޯޓެއް ނޫނެވެ. ނަމަވެސް މެމްބަރުކަށް ވުމުގެ ހައްގު އޮންނަ ގައުމެއްކަން ކަނޑައެޅިގެން ދިޔަ ވޯޓެކެވެ.

އާންމު މަޖިލީހުގެ ގަރާރުގައި "ފަލަސްތީނުގެ ދައުލަތް، މެންބަރުކަމަށް ވައްދަންޖެހޭ" ކަމަށާއި، "ސަލާމަތީ މަޖިލީހުން މިމައްސަލަ އަލުން މުރާޖައާކުރުމަށް ލަފާދޭ."، ކަމަށެވެ.

އާންމު މަޖިލީހުން އެކަނި އދ.ގެ ފުރިހަމަ މެމްބަރުކަން ނުދެވޭނެއެވެ. ނަމަވެސް މި ގަރާރުގެ ސަބަބުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފަލަސްތީނަށް އިތުރު ހައްގުތަކާއި އިމްތިޔާޒުތަކެއް ލިބިގެންދާނެއެވެ. އަދި އެސެމްބްލީ ހޯލުގައި އދ.ގެ މެމްބަރުންނާއެކު ބައިވެރިވުމުގެ ފުރުސަތު ލިބުނަސް، ވޯޓެއް ނުދެވޭނެއެވެ.

މެދުއިރުމަތީގެ މަސްރަހާއި ބެހޭގޮތުން އދ ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބަހުސްގައި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ތާއީދު ކުރާކަން ރާއްޖޭގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރު ހާމަ ކުރައްވާފައި ވެއެވެ.

އޭގެ އިތުރުން، އިސްރާއީލުން އެކިފަހަރު މަތިން ސަލާމަތީ މަޖިލީހުގެ ޗާޓަރާއި ހިލާފުވެފައިވާތީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުން ހިމެނޭހެން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް ރާއްޖޭން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

އަދި މި ހަމަނުޖެހުންތަކަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުން ކަމަށްވެސް ރާއްޖޭން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޗާ

    އިޒުރާއީލު ކުރާ ހަގުރާމައިގެ ނަތީޖާ މިފެންނަނީ.

    10
  2. ފުތާބެއްޔާ

    ކޮބާތޯ އދ ގެ މެންބަރަކަށް ވީމަ ލިބޭ މޮޅެއް ރައްކާތެރި ކަމެއް. ޔަހޫދީން ދެންވެސް ބޭނުން ގޮތެއް ހަދާއިރު ގައުމުތަށް ތިބެން ޖެހޭނީ ކުޅިބަލަން. ކުޑަމިނުން ޔަހޫދީން ކުއްވެރިކޮއްފަ ގަރާރެއް ވެސް ފާސް ކޮއްނުލެވޭނެ. އެމެރިކާ އިން ވީޓޯ ކުރާނެ. މި ވަރު ތަނަކު ބައިވެރިވުމަށް ވުރެން ހައްގަށް ނަސްރުދިނުމަށް ތި ޖަމިއްޔާއިން ވަކިވުން މާ ރަނގަޅުވާނެ

  3. ކަޅުސާ

    އދ ގެ ގާރާރުތަކަށް ތަބާ ނުވާތާ 50 އަހަރު ވެފައިވާ ޓެރަރިސްޓް ދައުލަތެއް އދ އިން ވަކިކުރަން ވޯޓެއް ނަގަން އެބަޖެހޭ. އެކަމަށް ދިވެހިރާއްޖެއިން ވަކާލާތުކުރަންޖެހޭ.