ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ ހުންނަ ހާރްވާޑް ޔުނިވާސިޓީގެ ދަރިވަރުން ކުރި ކުޒާހަރާތައް އެ ދަރިވަރުން އަމިއްލަ އަށް ހުއްޓާލައިފިއެވެ.

ދަރިވަރުން ފަލަސްތީނަށް ތާއީދުކޮށް ހާރްވާޑް ޔުނިވާސިޓީގެ ކޮމްޕައުންޑް ތެރޭގައި ކޭމްޕު ޖަހައިގެން މުޒާހަރާ ކުރާތާ މިހާރު ވަނީ ދެ ހަފްތާ ވެފައެވެ. އެމެރިކާގެ ގިނަ ޔުނިވާސިޓީތަކެއް ގައި ހަމަ މި ގޮތަށް ދަރިވަރުން ވަނީ ފަލަސްތީނަށް ތާއީދުކޮށް ކޭމްޕު ޖަހައިގެން މުޒާހަރާތައް ކޮށްފައެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ހާރްވާޑް ޔުނިވާސިޓީގެ ދަރިވަރުން ކުރި މުޒާހަރާގައި އެ ދަރިވަރުން ޑިމާންޑް ކުރަމުން ދިޔައީ ހާރްވާޑް ޔުނިވާސިޓީން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި އަދި އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އަށް މާލީ އެހީތެރިކަން ދޭ ކުންފުނިތަކާއި އެކީ ހާރްވާޑް ޔުނިވަސިޓީން ހަދާފައިވާ މާލީ ހުރިހާ އެއްބަސްވުން ތަކާއި މުއާމަލާތް ތައް ބާތިލްކުރުމަށެވެ.

ދަރިވަރުންގެ ޑިމާންޓްތަކާއި ބެހޭ ގޮތުން ހާރްވާޑް ޔުނިވާސިޓީގެ ރައީސް އެކަން ޖާބަރ ވަނީ އެ ޔުނިވާސިޓީގެ ފެކަލްޓީ ތަކުގެ އިސްވެރިންގެ އިތުރުން ޔުނިވާސިޓީގެ މެނޭޖްމެންޓްގެ އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކި ބައްދަލުވުން ތަކަށް ފަހު ހާރްވާޑް ޔުނިވާސިޓީން ވަނީ ދަރިވަރުންގެ ޑިމާންޑްތަކަށް ތަބާވިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އެމެރިކާގެ ވަރަށް ގިނަ ސްޓޭޓް ތަކެއްގެ ސިޓީތަކުގެ އެކި ޔުނިވާސިޓީތަކުގައި ދަރިވަރުން ވަނީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ކޮށްފައެވެ. އެ ގޮތުން ވަރަށް ގިނަ ޔުނިވާސިޓީތަކުގައި ކޭމްޕަހުގެ ތެރޭގައި ވަނީ ކޭމްޕުތައް ޖަހައިގެން މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެމެެރިކާގެ ފުލުހުން ވަނީ ގިނަ ޔުނިވާސިޓީތަކުގައި ދަރިވަރުން ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލާފައެވެ. އަދި ވަރަށް ގިނަ ދަރިވަރުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުނާން

    ސާބަހޭ. އަހަރެމެން ވެސް އެބަޖެހޭ އެއްޗެއް ޖައްސަން އަލުން. މިހާރުވެސް 30ހާހުން މައްޗައް އަރާފި އަހަރެމެންގެ ތެރެއިން ޝަހީދުވި މީހުން ގެ އަދަދު