ސްލޮވޭކިއާގެ ބޮޑު ވަޒީރު، ރޮބާޓް ފީކޯއަށް ބަޑިން ހަމަލާދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފީކޯ އަވަހާރަކޮށްލަން ދިން މި ހަމަލާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ބަޑިން ހަމަލާދީފައެވެ. އޭގެ ތެރޭގައި އޭނާގެ އަތާއި ފައިގެ އިތުރުން ބަނޑު ވެސް ހިމެނެއެވެ.

ފީކޯއަށް ހަމަލާދީފައިވަނީ ހެންޑްލޯވާ ސިޓީގައި ބޭއްވި ސަރުކާރުގެ ބައްދަލުވުމަކަށްފަހު އެނބުރި ވަޑައިގެންނެވި ވަގުތު އެތަނަށް އެއްވެ ތިބި މީހުންގެ ތެރޭގައި ހުރި މީހެކެވެ.

މިހަމަލާގައި ފީކޯގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި ހުރިއިރު، އޭނާ ވަނީ ހެލިކަޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފީކޯއަށް ދިން މިހަމަލާއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހާގެ ތަފްސީލެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.

ފީކޯއަށް ދިން މި ހަމަލާ ގިނަ ގައުމުތަކުން ކުށްވެރިކޮށްފައިވާއިރު، އެގައުމުގެ ރައީސް، ޒުޒާނާ ކަޕުޓޯވާ ވެސް ވަނީ ކުށްވެރިކޮށްފައެވެ.