އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ އެންމެ ދެކުނުގައި އޮންނަ ރަފަހަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރަފަހު ދޫކޮށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 600،000 އަށް އަރައިފިއެވެ.

އދ. ގެ އިންސާނީ އެހީދޭ އެޖެންސީން ބުނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، ފަސް ފަހަރެއްގެ މަތިން ޣައްޒާގެ އެކި ހިސާބުތައް ހުސް ކުރަން އިސްރާއީލުން އަންގާފައިވާ ކަމަށެވެ. މިއާއެކު ހުސް ކުރަން އެންގި ޖުމްލަ ސަރަހައްދުގެ އަދަދު %78 އަށް އަރާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން އެންމެ ފަހުން އަންގާފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދުން މީހުން ނުކުތުމަށެވެ.

އިސްރާއީލުން ދަނީ އެއްގަމު މަގުން ރަފަހަށް އަރައި ބޮޑެތި ޖަރީމާތަކެއް ހިންގަން ތައްޔާރުވަމުންނެވެ. އެ ޖަރީމާތަކުގެ ކުރިން އިސްރާއީލުން ދަނީ ވައިގެ މަގުން ގިނަ އަދަދެއްގެ ހަމަލާތަކެއް ރަފަހަށް ދެމުންނެވެ. އެމީހުން މިހާރު ތިބީ މުޅި ރަފަހް ވަށާލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ

އިސްރާއީލުން ރަފަހް ކައިރި އަށް ޖަމާވަމުން ދިޔައިރު އެ ސިޓީގައި 1.3 މިލިއަން ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަފަހުގައި މީގެކުރިން ވެސް ދިރިއުޅެމުން އައި ރައްޔިތުންނާއި ޣައްޒާގެ އުތުރާއި މެދުތެރެއިން އެ ސަރަހައްދަށް އައި މީހުންނެވެ.

އިސްރާއީލުން މިދިޔަ ހަފްތާގައި ވަނީ ރަފަހަށް ލީފްލެޓްތަކެއް ވެސް އަޅައިފައެވެ. އޭގައިވާ ގޮތުން އެމީހުން ހަމަލާ ނުދޭނެ ޒޯންތަކެއް ކަނޑައަޅާފައިވެއެވެ. އެހެންވެ، އެ ސަރަހައްދުތަކަށް ދިއުމަށް ލީފްލެޓްތަކުގައި އިންޒާރު ދީފައިވެއެވެ. އެ ޒޯނަކީ ދެކުނުގެ ރަފަހްއިން އަލްމަވާސީ އާއި ޚާން ޔުނިސް ސަރަހައްދުގައި ކަނޑައަޅާފައިވާ "ހިއުމެނިޓޭރިއަން ޒޯން" އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނުރައްކާތެރި ހަމަލާތައް ދެމުންގެންދާ ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތެވެ. އެތައް ހާސް އާއިލާތަކެއް ބިކޮށް، އެތައް ހާސް އާއިލާއެއްގެ ގެދޮރު ސުންނާފަތިކޮށްލިއިރު، ޣައްޒާގެ އެންމެ ރައްކާތެރި ހިސާބެއް ކަމަށް ބެލެވިފައި އޮތީ ރަފަހްއެވެ.

.