ފަލަސްތީނުގެ މިނިވަންކަމަށް ހައްޤުގޮތުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ އަމާޒުތަކަށް ޣައްޒާގައި ދުވާލަކަށް އެވަރެޖް ކޮށް 30 ހަމަލާދެމުންދާ ކަމަށް ހަނގުރާމަތައް މޮނިޓަރ ކުރާ އެމެރިކާގެ ޖަމާއަތަކުން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އިއްޔެ ޣައްޒާގެ އުތުރަށް ބަރު ހަތިޔާރާއި އެކީ ވަނީ ޣައްޒާގެ އުތުރުން ޔަހޫދީންނަށް އަމާޒުވަމުން އަންނަ ހަމަލާތައް މައިތިރިކުރުމަށް ކަމަށާއި ނަމަވެސް ޔަހޫދީންނަށް ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާހާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ވަރުގަދަ ހަމަލާތަކަކާއި ކަމަށް ހަނގުރާމަ ދިރާސާ ކުރާ އެމެރިކާގެ ދެ ޖަމިއްޔާ ކަމަށްވާ ދަ އިންސިޓިއުޝަން ފޯ ދަ ސުޓަޑީ އޮފް ވާރް އަދި ދަ ކުރިޓިކަލް ތުރެޓްސް ޕުރޮޖެކްޓުން ވަނީ ބުނެފައެވެ.

އިއްޔެ އެކަނި ވެސް ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ބަރު ހަތިޔާރާއި އެކީ ހަރަކާތްތެރިވި ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް އަމާޒުކޮށް ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ 34 ހަމަލާ ފޮނުވާލާފައެވެ.

ހަނގުރާމަތައް ދިރާސާ ކުރާ އެމެރިކާގެ ޖަމާއަތްތަކުން ބުނެފައިވަނީ ހަމާސްގެ މުޖާހިދުންގެ ހަމަލާތައް ވަރަށް ކާމިޔާބު ކަމަށާއި ހުރިހާ ހަމަލާއެއް ވެސް އަމާޒަށް ވާޞިލްވަމުންދާ ކަމަށެވެ. އެއީ ހަމާސް އިން ވަގުތާއި ދަނޑިވަޅަށް ބަލާފައި ކުރިއާލައި ރޭވިގެން ހަމަލާތައް ދޭތީ ކަމަށް ވެސް އެމެރިކާގެ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

ދެކުނު ރަފަހް އިން ޔަހޫދީންގެ އަސްކަރިއްޔާ އަށް ފެނުނު ހަމާސް މުޖާހިދުން އަސްކަރީ ތަމްރީންތައް ހަދަން ބޭނުން ކުރި މަރުކަޒަކުން ޔަހޫދީ އަސްކަރިއްޔާ އިން ބޭނުން ކުރާ މެރްކަވާ މަރުކާގެ ޓޭންކަރާއި އަދި ސިފައިން އުފުލަށް ބޭނުންކުރާ ވެހިކަލްތަކުގެ މޮޑެލްތައް ފެނިފައިވާ ކަމަށާއި މިކަމުން ވެސް ދޭހަ ކޮށްދެނީ ހަމާސް އިން ވަރަށް ކުރިންސުރެ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް ހަމަލާދޭނެ ގޮތްތައް ރާވާފައިވާކަން ކަމަށް އެމެރިކާގެ މި ދެ ޖަމާއަތުން ވަނީ ބުނެފައެވެ.

ހަނގުރާމަތައް ދިރާސާކުރާ އެމެރިކާގެ މި ދެ ޖަމާއަތުން ބުނެފައިވަނީ އިސްރާއީލްގެ އަސްކަރިއްޔާގެ ޗީފް އޮފް ސުޓާފް ހެރްޒި ހަލެވި އަށް ވެސް ޣައްޒާ އިން ހަމާސް އެއްކޮށް ނައްތާލުމަކީ ނުވާނެ ކަމެއް ކަމަށް މިހާރު ޤަބޫލުކުރެވޭނެ ކަމަށެވެ.