ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ އެ މާބަނޑު މީހާ ޝަހީދުކޮށްލާފައިވަނީ ޖަބަލިއާ ކޭމްޕުގެ އަލް-ފަލުޖާ ސަރަހައްދަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އަންހެން މީހާގެ އިތުރުން އެހެން ތިން މީހަކު ވެސް ހިމެނެއެވެ.

މިހަމަލާގައި ޝަހީދުވި އިތުރު ތިން މީހުންނަކީ ވެސް އާންމުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ވަނީ ޣައްޒާއިން 39 މީހަކު ޝަހީދުކޮށްލާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިއަދާއި ހަމައަށް 35،272 މީހަކު ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި 9،500 އަށްވުރެ ގިނަ އަންހެނުން ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިރުބަވެރިން ޣައްޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެވެ. މި ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، 78،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެންމެ ގިނައިން ހަމަލާތައް ދެމުން އަންނަނީ އާންމުން އެންމެ ގިނައިން ދިރިއުޅެމުން އަންނަ ތަންތަނަށެވެ. އޭގެ ތެރޭގައި އާންމުން ދިރިއުޅޭ ގެތައް، ސްކޫލްތައް، ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕް ސަރަހައްދުތައް ހިމެނެއެވެ.