ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ގެއަކަށް ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެމީހުން ޝަހީދުކޮށްލާފައިވަނީ ޚާން ޔޫނިސްގައި އެމީހުން ދިރިއުޅެމުން ދިޔަ އިމާރާތަށް ދިން ހަމަލާގައެވެ. މި ހަމަލާގައި ފަސް މީހަކު ޝަހީދުކޮށްލާފައިވާއިރު، އިތުރު ބަޔަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ވެފައެވެ.

ޚާން ޔޫނިސްއަށް ނިރުބަވެރި އިސްރާއީލުން އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އެ ސަރަހައްދަކީ މީގެ ކުރިން ނިރުބަވެރިން ހަމަލާދީ، ސުންނާފަތި ކޮށްލާފައިވާ ސަރަހައްދެކެވެ. މި ސަރަހައްދަށް ނިރުބަވެރިން އަނެއްކާ ވެސް ހަަމަލާތައް ދޭން ފަށާފައިވަނީ ރަފާހުގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު ބޯހިޔާހިކަން ހޯދަން އެސަރަހައްދަށް ދިއުމާއި ގުޅިގެންނެވެ.

ހަމާސް އިން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ނިރުބަވެރި އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އެންމެ ގިނަ މީހުން ދިރިއުޅެމުން އައި ރަފާހު ހުސްކޮށް، ގިނަ ހަމަލާތަކެއް އެ ސަރަހައްދަށް ވަނީ ދޭން ފަށާފައެވެ. އެއާއި އެކީ ރަފާުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކު ވެސް ބޯހިޔާހިކަން ހޯދަން އިތުރު ސަރަހައްދުތަކަށް ގޮސްފައެވެ.