އިންޑިއާގެ މުމްބާއީގައި ބޮޑު ބިލް ބޯޑެއް ވައްޓާލުމުން އޭގެ ދަށުވެ 14 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި މައްސަލައިގައި ރާޖަސްތާނުގެ އުދޭޕޫރުން ވިޔަފާރިވެރިއަކު ހައްޔަރުކޮށްފިއެވެ.

ހިރަފުހުގެ ތޫފާނެއްގައި މުމްބާއީގައި ފިއުލް ސްޓޭޝަނެއްގެ ކައިރީގައި ހުރި ބޮޑު ބިލްބޯޑެއް މިމަހު 13 ވަނަ ދުވަހު ވަނީ ވެއްޓިފައެވެ. އެ ބޯޑު ވެއްޓުނީ އެ ސަރަހައްދުން ދަތުރުކުރި ކާރުތަކާއި ސައިކަލްގެ މައްޗަށެވެ.

އެ ހާދިސާގައި ބިލްބޯޑުގެ ދަށުވެ 14 މީހަކު މަރުވެފައިވާއިރު 74 މީހުންނަށް ވަނީ އަނިޔާވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އެހާދިސާއާ ގުޅިގެން ބާވޭޝް ބިންދޭ ކިޔާ އިންޑިއާގެ ވިޔަފާރިވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ބޯޑެ ވެއްޓި އެތައް ބަޔަކު މަރުވެފައިވާއިރު، އެފަދަ ބޮޑު ބިލްބޯޑެއް އެ ސަރަހައްދުގައި ހަރުކުރީ ބާވޭޝްގެ ކުންފުނިންނެވެ. ބިލްބޯޑު ވެއްޓުނު ހާދިސާ ހިނގި ފަހުން ބާވޭޝް ވަނީ ފިލާފައެވެ. އޭނާއާ ދެކޮޅަށް ޖިންސީ ގޯނާގެ މައްސަލައެއް ހިމެނޭހެން އިތުރު 20 މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.

އެ ބިލްބޯޑުގެ ދިގުމިނުގައިވެސް އަދި ފުޅާމިނުގައި 120 ފޫޓް ހުރިއިރު މުމްބާއި މުނިސިޕަލް ކޯޕަރޭޝަނުން ބުނީ އެންމެ ބޮޑު ވިޔަސް ދިގުމިނުގައިވެސް އަދި ފުޅާމިނުގައި 40 ފޫޓަށް ވުރެ ބޮޑު ބޯޑު ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. ބީޖޭޕީގެ ލީޑަރަކު ތުހުމަތުކުރި ގޮތުގައި ބާވޭޝްއަށް އެވަރުގެ ބޮޑު ބޯޑެއް ޖެހުމުގެ ހުއްދަ ލިބުނީ އޭނާއަކީ ސަންޖޭ ރާއުތުގެ ބޭބެ ސުނިލް ރާއުތުގެ ވަރަށް ގާތް މީހަކަށް ވީމައެވެ.

ފިއުލް ސްޓޭޝަން ކައިރީގައި މިފަދަ ބޮޑު ބިލްބޯޑެއް ޖަހާފައިވަނީ ކަމާއި ބެހޭ އިދާރާތަކުން ހުއްދަ ހޯދުމަށްފަހުތޯ ފުލުހުން ދަނީ ބަލަމުންނެވެ.

މަހާރާސްޓްރާގެ ޗީފް މިނިސްޓަރ އެކްނާތު ޝިންޑޭ ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 5 ލައްކަ އިންޑިއާ ރުޕީސް ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު