ޔަހޫދީން އަޅުކަން ކުރާ ތަނެއްގައި އަލިފާން ރޯކޮށްލަން މަސައްކަތް ކުރި މީހަކު ފްރާންސް ފުލުހުން މަރާލައިފިއެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރ، ގެރަލްޑް ޑާމަނިން ބުނެފައިވަނީ އޭނާ ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ ފްރާންސްގެ އުތުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ރޮއުންގައި ހުރި ޔަހޫދީން އަޅުކަން ކުރާ ތަނެއްގައި ކަމަށެވެ.

އޭނާ އެތަން ރޯކޮށްލަން މަސައްކަތް ކުރިއިރު، އޭނާ އަތުގައި އެކި ކަހަލަ ހަތިޔާރު ވެސް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެތަން ރޯކޮށްލަން އުޅެނިކޮށް މަރާލާފައިވާ އެމީހާއާއި ބެހޭ މައުލޫމާތެއް ފްރާންސްގެ ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

އެކްސަގައި ކުރި ޕޯސްޓެއްގައި ގެރަލްޑް ބުނެފައިވަނީ އެސިޓީގެ އަޅުކަން ކުރާ ތަނެއްގައި ސީދާ ރޯކޮށްލަން އުޅުނު މީހަކު ފުލުހުން ވެގެން މަރާލާފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާގެ ގަޔަށް ބަޑިޖެހިއިރު، އޭނާ ހުރީ އަތުން ވަޅިއެއް ހިފައިގެންނެވެ.