ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާއި ގުޅިގެން އެ ގައުމުން ރައީސް އެމަނުއެލް މެކްރޮންއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އޭނާ އަވަހާރަވިއިރު އުމުރަކީ 53 އަހަރެވެ.

ސަފީރު އަވަހާރަވީ ކުއްލި އަކަށް ބަލިވެ އުޅުއްވުމުގެ ސަބަބުން ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ސަފީރު ޕަކްތެތްއަކީ ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޑިޕްލޮމެޓެއް ކަމަށެވެ. އަދި އެމްބެސެޑަރ ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ ސަފީރުގެ އާއިލާއާ އެގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ

ޕަކްތެތް ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ.