އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ އެންމެ ދެކުނުގައި އޮންނަ ރަފަހަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރަފަހު ދޫކޮށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 630،000 އަށް އަރައިފިއެވެ.

އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނީ، އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ރަފަހްއަށް އަރައިގަންނަން ފެށި ފަހުން، އެތަނުގައި ހިޔާވަހިކަން ހޯދަމުންދިޔަ ފަލަސްތީނުގެ 630،000 މީހުން އެތަނުން މަޖުބޫރުން ނުކުމެފައިވާ ކަމަށެވެ.

ފިލައިގެން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ޣައްޒާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހުގައި ހިމާޔަތް ހޯދަމުން އަންނައިރު، ޔޫއެންއާރްޑަބްލިއުއޭ އިން ބުނަނީ އެ ސިޓީއަކީ "ނުރައްކާތެރި ހާލަތްތަކަކާ އެކު" ކެތް ނުކުރެވޭ ވަރުގެ ތޮއްޖެހިފައިވާ ތަނެއް ކަމަށެވެ.

އިސްރާއީލުން ދަނީ އެއްގަމު މަގުން ރަފަހަށް އަރައި ބޮޑެތި ޖަރީމާތަކެއް ހިންގަން ތައްޔާރުވަމުންދާއިރު، މީގެ ކުރިން އެތައް ފަހަރަކު އެތަނަށް ހަމަލާދީ ބަޔަކު ޝަހީދުވެސް ކޮށްލާފައި ވެއެވެ.

އިސްރާއީލުން ރަފަހް ކައިރި އަށް ޖަމާވަމުން ދިޔައިރު އެ ސިޓީގައި 1.3 މިލިއަން ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރަފަހުގައި މީގެކުރިން ވެސް ދިރިއުޅެމުން އައި ރައްޔިތުންނާއި ޣައްޒާގެ އުތުރާއި މެދުތެރެއިން އެ ސަރަހައްދަށް އައި މީހުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނުރައްކާތެރި ހަމަލާތައް ދެމުންގެންދާ ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތްއިރު، މި ހަމަލާތަކުގައި ޝަހީދުވި ޣައްޒާ މީހުންގެ އަދަދު 35،000 އަށް ވަނީ އަރާފައެވެ. ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނައެވެ.