ލުބްނާނުން ނިރުބަވެރި އިސްރާއީލަށް ފުލުފުލުގެ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

މީގެ ދެ ދުވަސް ކުރިންވެސް ލުބްނާނުން ވަނީ އިސްރާއީލާއި ދިމާލަށް 60 އާއި ގާތްކުރާ އަދަދެއްގެ ރޮކެޓް ހަމަލާ ފޮނުވާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުގެ ސަރަހައްދުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ގާތްގަނޑަކަށް 75 ވަރަކަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން އެތައް ރޮކެޓްތަކެއް އިސްރާއިލުގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލާފައިވާ ކަމަށެވެ.

އިސްރާއީލުގެ ނޭޝަނަލް އެމްބިއުލާންސް ސާވިސްއާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ބުނީ އެއް ރޮކެޓަކުން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ މީހުންނަށް އުތުރުގެ ސިޓީއެއް ކަމަށްވާ ސޭފްޑްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައި ވަނީ އިސްރާއީލުން މީގެ ކުރިން ލުބުނާނުގެ ސަރަހައްދަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީ، ހިޒްބުﷲގެ މެމްބަރަކާއެކު ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ބުނި ފަހުންނެވެ.