އިންޑިއާގެ ޕަންޖާބުގައި ޤަވައިދާ ޚިލާފަށް ހިންގަމުން ދިޔަ ދެ ފޭކު ކޯލް ސެންޓަރަކުން 155 މުވައްޒަފުން ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސައިބާރ ކްރައިމް އޮފް ޕަންޖާބު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕަންޖާބުން ދެ ފޭކު ކޯލް ސެންޓަރ ވަނީ އަތުލައިގެންފައެވެ. އެ ދެ ސެންޓަރުގައި މަސައްކަތްކުރި 155 މުވައްޒަފުން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންނަކީ އެމެރިކާގައި އުޅޭ މީހުންނަށް ފޭކު ކޯލްތައްކޮށްގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުން މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕަންޖާބުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ގޯރަވް ޔާދަވް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ދެ ސެންޓަރުވެސް ހިންގަމުން ގެންދިޔައީ ގުޖުރާތުގެ ބައެއް ކަމަށެވެ. އަދި ތަހުގީގުތަކުން އެނގިފައިވާ ގޮތުން މި ކޯލްތައް ކުރަނީ ރޭގަނޑުގެ ވަގުތުގައެވެ. ކޯލް ކުރާ މީހުން ތިން މޮޑަސް އޮޕަރޭންޑީ ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން، އެޕަލް، އެމެޒޯން ފަދަ ކުންފުނިތަކުގެ ގިފްޓް ކާޑުތައް ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައެވެ.

އެޑިޝަނަލް ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް (ސައިބަރ ކްރައިމް) ވީ ނީރާޖާ ވިދާޅުވީ މޮހާލީގައި ހިންގާ ފޭކް ކޯލް ސެންޓަރުތައް ފަޅާއެރީ ފުލުހުންނަށް ލިބުނީ ޑިޖިޓަލް އިންވެސްޓިގޭޝަން ޓްރޭނިން އެންޑް އެނަލިސިސް ސެންޓަރު (ޑިޓާކް) ލެބުގެ ޓެކްނިކަލް އެހީތެރިކަމާއެކު އިންސްޕެކްޓަރު ގަގަންޕްރީތު ސިންގް އާއި ދަލްޖިތު ސިންގް އާއި އެކު އެމީހުންގެ ޓީމުގެ މަސައްކަތުން ކަމަށެވެ.

ފުލުހުންގެ ޓީމުތަކުން ދެ ކޯލް ސެންޓަރަށް ވެސް ވަދެ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސް ދެ މީހަކު ފިލައިގެން އުޅޭ ކަމަށާއި ފުލުހުންގެ ޓީމުތަކުން އެމީހުން ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

މި އޮޕަރޭޝަނުގައި 155 މީހުން ހައްޔަރު ކުރިއިރު، 18 މީހުން ފުލުހުންގެ ރިމާންޑަށް ނަގާފައިވާއިރު ބާކީ ތިބި އެންމެން ނެގީ ޖުޑީޝަލް ރިމާންޑަށެވެ.