ފަލަސްތީނުގެ މުގައްދަސް ބިމަށް އެއްގަމު މަގުން އަރައިގަތް އިސްރާއީލްގެ އަސްކަރިއްޔާގެ ޖައްބާރު ސިފައިންގެ އިތުރު މީހަކު މަރާލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި ޕެރަޓްރޫޕާސް ބްރިގޭޑްގެ 20 އަހަރުގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށެވެ.

ސާޖަންޓް ބެން އަވީޝޭ ނަމަކަށް ކިޔާ އެ ސިފައިންގެ މީހާގެ މަރުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި ވަރުގަދަ ހަނގުރާމަތަކެއް ދަނީ ހިނގަމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިންސާނީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އެ ސަރަހައްދަށް އަނެއްކާވެސް އެއްގަމު ހަމަލާތަކެއް ދޭން ފަށައިފައެވެ.

މިއާ އެކުގައި، ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލް ސިފައިން ވަދެ ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި ސިފައިންގެ އަދަދު 280 އަށް ވަނީ އަރައިފައެވެ.