ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް 90 ޓުރަކްގެ އެހީގެ ސާމާނު ވައްދަން ހުއްދަ ދީފިއެވެ.

މީގެ ދެ ހަފްތާ ކުރިން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެހީ ވަންދަން އޮންނަ ހަމަ އެކަނި އެއްގަމު މަގު ކަމަށްވާ ރަފަހް ބޯޑަރު ކުރޮސިންގް އެމީހުންގެ ބާރުގެ ދަށަށް ގެނެސް ޣައްޒާ އަށް އެހީގެ ސާމާނު އެތެރެކުރުމުގެ މަގު މުޅިން ބަންދުކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި އަމަލާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުންނާއި އިންސާނީ ހިލޭއެހީދޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޣައްޒާގައި ހާލުގައި ޖެހިފައި މިލިއަނެއްހާ މީހުން އެހީގެ އިންތިޒާރުގައި ތިބީމައެވެ.

އެހީގެ ގޮތުގައި ޣައްޒާ އަށް ވެންދި 90 ޓުރަކްގެ އެހީ މިހާރު ވަނީ ފަލަސްތީނުގެ ޣައްޒާގެ ޑެއިރް އެލް ބަލަހް ގައި ހުންނަ އދ ގެ ރެފިއުޖީންނާއި ބެހޭ އެޖެންސީގެ ގުދަނަށް ގެންދެވިފައި ކަމަށް އެ އެޖެންސީއާއި ހަވާލާދީ ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އިން ވަނީ މައުލޫމާތުދީފައެވެ.

އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ބުނެފައިވަނީ މި އެހީގެ ސާމާނުތައް ބެހުމުގައި އިސްކަންދޭނީ މެދުތެރޭ ޣައްޒާގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޤާއިމްކޮށްފައިވާ އެވަކުއޭޝަން ކޭމްޕުތަކުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް ކަމަށެވެ.

މެދުތެރޭ ޣައްޒާގެ ޑެއިރް އަލް ބަލަހް، ޚާން ޔޫނިސް އަދި އަލް މަވާސީ ސަރަހައްދުތަކުގައި ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ ރަފަހް ދޫކޮށް ދާ މީހުންނަށް އަމާޒުކޮށްގެން އެވަކުއޭޝަން ކޭމްޕުތަކެއް ހަދާފައެވެ.

ޣައްޒާގެ މެދުތެރޭގެ ހޮސްޕިޓަލް ތަކުގެ އިތުރުން ރަފަހްގައިވާ ހޮސްޕިޓަލް ތަކަށް ވެސް އަވަސް އެހީ ފޯރުކޮށްދޭނެ ކަމަށާއި ނަމަވެސް އެކަން ވާނީ ވަރަށް އުދަނގޫ ކަމަކަށް ކަމަށް އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ވަނީ ބުނެފައެވެ. އެއީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފަހް އަށް މެދު ނުކެނޑި ހަމަލާތައް ދެމުންދާތީއެވެ.