އިންޑިއާ ކަނޑުގެ ހުޅަނގުގައިވާ ސަރަޙައްދެއްގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރެކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ (އީއެމްއެސްސީ) ބުނިގޮތުގައި މި ބިންހެލުން އައީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމިއެއް އަރާފާނެކަމުގެ އިންޒާރު ނެރެފައި ނުވެއެވެ.

މިއަދު އިންޑިއާ ކަންޑަށް ބިންހެލުން އައިސްފައިވަނީ، ކަނޑުގެ އަޑީގައި ގިނަ ޢަދަދަކަށް ފަރުބަދަ ހިމެނޭ ސަރަޙައްދަކަށެވެ. މި ސަރަޙައްދަކީ ކުރިންވެސް ބިންހެލުން އަންނަ ސަރަޙައްދަކަށް ވާއިރު، ދެކުނު އޭޝިއާ ސަރަޙައްދު ހިމެނޭގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުން އަންނަ ނިތްބަތް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ބޮޑު ބިންހެލުން އައި ސުމަޓްރާއަށާއި، ސުމަޓްރާ އޮންނަ އިންޑޮނޭޝިއާގެ އެހެން ސަރަޙައްދުތަކަށްވެސް އިއްވެސް ގިނަ ޢަދަދަކަށް ބިންހެލުން ވަނީ އައިސްފައެވެ. މީގެ އިތުރުން މީގެ ހަތަރު ދުވަސް ކުރިން އިންޑިއާއަށްވެސް ބިންގެލުންތަކެއް އައިސްފައި ވެއެވެ.

މިފަދަ ބިންހެލުންތައް ގިނަވުމަކީ، ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެ ބިންހެލުން އަންނާނީ ސީދާ ކޮންތަނަކަށް ކަމެއް ބުނަން އެފަރާތްތަކަށް ނޭނގުނު ނަމަވެސް، އެ ބިންހެލުމުގައި ދުނިޔެއަށް އަރައި ނުގަނެވޭވަރުގެ ގެއްލުން ލިބި، ބިންހެލުމަށްފަހު އުފެދޭ ސުނާމިއެއްގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނަހައި ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާދާ

    ސުބުހާނައްﷲ

  2. ޝަރީފް

    މިގައުމު އެފަދަ ތޫފާންތަކުން ސަލާމަތް ކުރައްވާޝި އާމީން.