ބަޑިން ހަމަލާދީ ޒަހަމްކޮށްލި ސްލޮވޭކިއާގެ ބޮޑު ވަޒީރުގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ބޮޑު ގްރޫޕެއްގެ ތެރޭގައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހު ފީކޯއަށް ހަމަލާދީފައިވަނީ ހެންޑްލޯވާ ސިޓީގައި ބޭއްވި ސަރުކާރުގެ ބައްދަލުވުމަކަށްފަހު އެނބުރި ވަޑައިގެންނެވި ވަގުތުއެވެ. މި ހަމަލާއަކީ ފާއިތުވި 20 އަހަރު ދުވަހު ތެރޭގައި ވެސް ޔޫރަޕުގެ ސިޔާސީ ލީޑަރަކު އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއެވެ.

މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފީކޯއަށް ފަރުވާދެމުން އަންނަނީ ހަމަލާދި ސަރަހައްދުގައި ހުންނަ ބަންސްކާ ބައިސްޓްރިކާ ހޮސްޕިޓަލުގައެވެ.

ފީކޯއަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ހަވާލާދީ، ރިޕޯޓްތަކުން ބުނީ ފީކޯގެ ދެވަނަ އޮޕަރޭޝަން މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ފީކޯގެ ހާލު ރަނގަޅުވި ނަމަވެސް ވެރިރަަށަށް އަދި ބަދަލު ނުކުރެވޭނެ ކަމަށް އެގައުމުގެ ދިފާއީ ވަޒީރު، ރޮބާޓް ކަލިނަކް ވަނީ ބުނެފައެވެ. ނަމަވެސް ޑޮކްޓަރުންގެ އިރުޝާދާއި އެކީ އެކަން ކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ވެރިރަށަށް ބަދަލު ކުރުމާއި މެދު ޑޮކްޓަރުން މާދަމާ ގޮތެއް ނިންމާނެއެވެ.

ފީކޯއަށް ހަމަލާދިން މައްސަލައިގައި އެ ވަގުތު ވަނީ އުމުރުން 71 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި އޭނާ އެގައުމުގެ ކޯޓަކަށް ގެންދިއުމުން މައްސަލަ ނިމެންދެން ވަނީ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.