އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއާއި އެގައުމުގެ އިސްބައެއް މީހުންގެ އިތުރުން ހަމާސް ޖަމާއަތުގެ ލީޑަރުން ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރަކަށް އެދުމުން އިސްރާއީލުގެ އެންމެ ގާތް އެކުވެރި ގައުމު ކަމަށްވާ އެމެރިކާއިން ނުރުހުން ފާޅުކޮށްފިއެވެ.

އައިސީސީއިން އަމުރަކަށް އެދިފައިވަނީ ނަތަންޔާހޫގެ އިތުރުން، އެގައުމުގެ ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް އާއި ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަން ސިފަކޮށްފައިވަނީ ވަނީ ވަރަށް ދެރަ ކަމެއްގެ ގޮތުގައެވެ.

"މިކަން ކޮންމެ ގޮތަކަށް ގެންދަން އުޅުނަސް އިސްރާއީލާއި ހަމާސް އާއި ދެމެދު ހަމަހަމަކަމެއް ނެތް. އެއްވަރެއް ނުވޭ. އިސްރާއީލުގެ ސަލާމަތަށާއި ނުރައްކަލާއި ދެކޮޅަށް އަބަދު ވެސް އަހަރުމެން ތިބޭނަން" ބައިޑެން ބުންޏެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތް ހަމަހަމަ ނުވާނެ ކަމަށް ބުނެ ބްލިންކެން ބުނެފައިވަނީ ހަމާސް ޖަމާއަތަކީ ނިރުބަވެރި، ގަތުލުއާންމު ހިންގަމުން އަންނަ މީހުން ތިބި ތަނެއް ކަމަށެވެ. އަދި އެތަކެއް ބަޔަކު އެމީހުންގެ ރަހީނުންގެ ގޮތުގައި ވެސް ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަމާސް ޖަމާއަތުގެ ތިން ލީޑަރުންގެ މައްޗަށް އުފުލާނީ ބަންދުގައި ބަހައްޓައިގެން ނައްތާލުމާއި، މީހުން މެރުމާއި، ރަހީނު ކުރުމާއި، ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. ނަތަންޔާހޫއާއި ގަލަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ނައްތާލުމަށް މަގުފަހިކޮށްދިނުމާއި، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާއެވެ.