ފަލަސްތީނުގެ ޣައްޒާގައި އެމެރިކާއިން އެހީ ފޯރުކޮށްދިނުމަށް އެޅި ވަގުތީ ޖެޓީ މަތީގައި އެމެރިކާ ސިފައިންގެ މީހަކަށް އަނިޔާވެ ހާލު ސީރިއަސް ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން ހަދާފައިވާ އެހީގެ ޖެޓީއެއްގައި މަސައްކަތް ކުރަމުން ދަނިކޮށް އެމެރިކާގެ ސިފައިންގެ މީހަކަށް އަނިޔާވެ ހާލު ސީރިއަސްއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ބްރެޑް ކޫޕާ ނޫސްވެރިންނާ ވާހަކަ ދައްކަމުން މީގެ ކުރިން ބުނިގޮތުގައި، އެމެރިކާގެ އިތުރު ދެ ސިފައިންނަށް ވެސް އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް "ވަރަށް ކުދި، އާދައިގެ އަނިޔާތަކެއް" ވަނީ ލިބިފައެވެ.

އަދި ތިން ވަނަ ސިފައިންގެ މީހާ އަށް ކަނޑުމަތީގައި އޮތް އުޅަނދެއްގައި އަނިޔާވި ކަމަށް ބުނެފައިވާއިރު، އޭނާ އިސްރާއީލު ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިދިޔަ ހަފުތާގައި ބޭނުންކުރަން ފެށި އެ ޖެޓީ އެޅުމުގައި އެމެރިކާގެ 1،000 އެއްހާ ސިފައިން ހަރަކާތްތެރިވި އިރު، ފުރަތަމަ 90 ދުވަހު 320 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން އިމާރާތްކޮށްފައިވާ ޖެޓީއަށް އެހީގެ ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު ސާމާނު ލިބެން ފަށާފައިވީ ނަމަވެސް ހާލަތު އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން އިއްޔެ ވަނީ ބުނެފައެވެ.

އެމެރިކާގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު އެއްގަމާއި ކަނޑު ހުރަސްތަކުން ޣައްޒާއަށް އެތެރެވި 70 ޓްރަކްގެ ތެރެއިން 27 ޓްރަކް އައިސްފައިވަނީ އެ ޖެޓީ މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝްރޭ

    ތީ އިސްރާއިލްއަށް އެހީވުމަށް އެޅި ޖެޓީއެއް..

  2. އަލީ

    ތިއީ އިޒްރާއީލް މީހުނައް ކާންދީ ހަތިޔާރު ދޭން ހެދި ތަނެއް