މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ އުދުވާންގައި މިހާތަނަށް އައިއިރު، 80،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 35،709 އަށް އަރާފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި ޒަހަމްކޮށްލި މީހުންގެ އަދަދު 79،990 އަށް އަރާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 62 މީހުން ޝަހީދުކޮށްލައި، 138 މީހުން ޒަހަމްކޮށްލިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މި އަދަދުތައް ހާމަ ކުރި ނަމަވެސް، ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވާ ކަމަށް ބެލެވޭތީއެވެ.

ނިރުބަވެރިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމުއްދަތުގައި މަރުވެފައިވަނީ އެމީހުންގެ 1،139 މީހެކެވެ. އަދި އެކިވަރުގެ އަނިޔާ ލިބިފައިވަނީ 8،730 މީހަކަށެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވުމަކީ އެކަށީގެންވެއެވެ. ސަބަބަކީ މިމަހުގެ ހަ ވަނަ ދުވަހު ޣައްޒާގެ އެންމެ މީހުން ގިނަ އެއް ސަރަހައްދުކަމަށް ރަފާހަށް ނިރުބަވެރިން ވަނީ ވަދެ ހަމަލާތަކެއް ދޭން ފަށާފައެވެ.