ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ފަހު ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ކެބިނެޓް ޖަލްސާއެއްގައި ވަލީއަހުދު ވިދާޅުވީ ފަރުވާ ހޯއްދެވުމަށްފަހު މިހާރު ސަލްމާން ރަސްގެފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި ރަސްގެފާނުގެ ސިއްހަތާ ބެހޭގޮތުން ކަންބޮޑުވުންފާޅުކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނަށް ފުއްޕާމޭގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިކަން ދެނެގަނެވުނީ ގަދަޔަށް ހުން އައިސް ހުޅުތަކުގައި ރިއްސަން ފެށުމުން ސިއްހީ ހާލަތު ދެނެގަތުމަށް ޓެސްޓުތަކެއް ހެއްދެވުމުންނެވެ. ފުއްޕާމޭގެ އާލާސްކަންފުޅަށް ސަލްމާން ރަސްގެފާން ފަރުވާ ހޯއްދަވާނީ ވެރިރަށް ޖިއްދާގައި ހުންނަ އަލްސަލާމް ގަނޑުވަރުގައެވެ. ރަސްގެފާނު ސަލްމާން ދަނީ އެމަނިކުފާނުގެ ފުއްޕާމޭ ދުޅަވުމާ ގުޅިގެން އެންޓިބަޔޮޓިކްސް ހިމެނޭ ތެރަޕީ ޕްރޮގްރާމެއް ނަންގަވަމުންނެވެ.

ދެހާސް ވިހި ވަނަ އަހަރު ސަލްމާން ރަސްގެފާނު ވަނީ ގޯލްބްލެޑާ ރިމޫވަލް ސާޖަރީއެއް ވެސް ހައްދަވައިފައެވެ.

ސަލްމާން ރަސްގެފާނު ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ މަގާމުގައި ދެ އަހަރާއި ބައި ހޭދަކުރެއްވުމަށްފަހު 2015 ވަނަ އަހަރުން ފެށިގެން ވެރިކަން ގެންދަވަނީ އެ ގައުމުގެ ވެރިކަން ކުރައްވަމުންނެވެ. ސަލްމާން ރަސްގެފާނު ތަހުތަށް ވަޑައިގަތުމުން އޭގެ ފަހުން ވަނީ އެމަނިކުފާނުގެ ދަރިކަލުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްކަމުގެ ޑިފެކްޓޯ ވެރިއަކަށް އައްޔަން ކުރައްވައިފައެވެ.

ރަސްގެފާނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ބައްޕާފުޅުގެ އާލާސްކަންފުޅާއި ގުޅިގެން ޖަޕާނަށް ކުރައްވަން އޮތް ރަސްމީ ދަތުރެއް ވެސް ފަސް ކުރައްވައިފައެވެ. މެއި މަހުގެ 20-23 އަށް ހަމަޖެހިފައިވާ ދަތުރުގައި އޭނާ ޖަޕާނުގެ އެމްޕަޔަރ ނާރޫހިޓޯ އާއި ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާ ބައްދަލު ކުރަން ނިންމަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު