ނޯވޭ އާއި އަޔަލޭންޑާއި ސްޕެއިންއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމުމުން އެކަމަށް ގަތަރުން މަރުހަބާ ކިޔައިފިއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ދައުލަތް ނޯވޭ އާއި އަޔަލެންޑާއި ސްޕެއިން އިން ބަލައިގަތުމަކީ، މި ދެ ދައުލަތުގެ ހައްލަކަށް އެއްބާރުލުން ދިނުމަށާއި، ސަރަޙައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެސަރަޙައްދުގައި ސުލްހަ ގާއިމުކުރުން ބިނާވެފައިވަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މައްޗަށް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގަތަރުގެ ހާރިޖީ ވުޒާރާއިން ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ނިމުމަކަށް ގެނެސް، މި ސަރަޙައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި ގެރެންޓީގެ ގޮތުގައި ސިޔާސީ މަގަށް އެނބުރި ދާންޖެހޭނެ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، ދެ ދައުލަތުގެ މަސްލަހަތު ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ގައުމުތަކުން ކުރިއެރުވުމަށް އެގަައުމުގެ ހާރިޖީ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ފަލަސްތީނުގެ ދައުލަތް 140 ގައުމަކުން ބަލައިގެންފައިވާ ކަމަށް ދާދި ފަހުން އދ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި އދގެ 22 ގައުމު ހިމެނޭ އަރަބި ޖަމާއަތާއި 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިތުރުން 120 މެމްބަރުން ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްގެ މެމްބަރުން ހިމެނެއެވެ.

އިނގިރޭސިވިލާތާއި އެމެރިކާއަކީ ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިނުގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.