ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދިޔަ ޖައްބާރު އިސްރާއީލް ސިފައިންގެ ތިން މީހަކު މިއަދު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން އިއުލާން ކުރި ގޮތުގައި މި ތިން ސިފައިން ވެސް މަރުވެފައި ވަނީ ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. މި ސިފައިންގެ މީހުންގެ ތެރޭގައި ހިމެނެނީ މާސްޓާ ސާޖަންޓަކާއި ކެޕްޓަނަކާއި ސްޓާފް ސާޖަންޓެކެވެ. އިސްރާއީލުން ވަނީ މި މީހުންގެ ނަންތައް ވެސް އާންމުކޮށްފައެވެ.

ހަމާސްގެ ހަމަލާތަކުގައި މަރާލާފައި ވަނީ މާސްޓާ ސާޖަން (ރިޒާވް) ގިޑިއޯން ޗޭ ޑިރޯވް 33، އާއި ކެޕްޓަން އިސްރާއިލް ޔުޑްކިން 22، އާއި ސްޓާފް ސާޖަންޓް އެލިޔަހޫ ހާއިމް 21 އެވެ. މި މީހުންގެ ތެރެއިން މަރާލި މާސްޓާ ސާޖަންޓަކީ ކޮމްބެޓް އިންޖިނިއަރިން ކޯޕްސްގައި ހިމެނޭ ސިފައިންގެ މީހެކެވެ. ހަމާސްގެ ހަމަލާގައި ދެން މަރާލި ދެ މީހުންނަކީ ކެފިއާ ބްރިގޭޑްސްގެ ދެ ސިފައިންނެވެ. އެ ތަނުން އެކަކަކީ އޮފިސަރެއް ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނީ ކެފިއާ ބްރިގޭޑްސްގެ ދެ ސިފައިންގެ މީހުން މަރާލީ ހަމާސްގެ ސްނައިޕަރަކު، ޣައްޒާގެ ބެއިތު ހަނޫންގައި ދިން ހަމަލާއެއްގައި ކަމަށެވެ. އެ ހަމަލާގައި އިތުރު ސިފައިންގެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ތިން ވަނަ ސިފައިންގެ މީހާ މަރާލީ އިމާރާތެއްގެ ތެރޭގައި ހުއްޓައި ގޮވާ ޒާތުގެ އެއްޗެއް ގޮއްވާލައިގެން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އެ ހަމަލާގައި އިތުރު ދެ ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މިއާއެކު، އިސްރާއީލުން ޣައްޒާ އަށް އަރައިގަނެ ކުރިއަށް ގެންދާ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 286 އަށް އަރައިފައެވެ. ހަމާސް އިން ދިން ހަމަލާއެއްގައި އިސްރާއީލްގެ ސިވިލިއަން ޑިފެންސް މިނިސްޓްރީގެ ކޮންޓްރެކްޓަރެއް ވެސް ވަނީ މަރާލައިފައެވެ.