ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އަންވަރުލް އާޒިމް އަނާރް، 56، ގެއްލުނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަތާ އެއް ދުވަސް ފަހުން މެއި މަހުގެ 13 ވަނަ ދުވަހު ކަމަށް އޭނާގެ ގާތް ތިމާގެ މީހުން ބުނެ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އިންޑިއާގެ ކޮލްކަތާގައެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ވިދާޅުވީ ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ގެއްލުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އިންޑިއާގެ ކަލްކަތާ ސިޓީގައި މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އަންވަރުލްގެ މަރުގެ މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އެމީހުންގެ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ސިޓީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ވިދާޅުވީ އަންވަރުލްގެ ހަށިގަނޑު ފެނިފައިވަނީ ކޮލްކަތާގެ ނިއުޓައުންގައި ދޫކޮށްލާފައި އޮތް ގެއެއްގެ ތެރެއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގެއްލުނު މައްސަލައިގައި އޭނާގެ ގާތް ތިމާގެ މީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ނޯތު ކަލްކަތާގެ ބަރަނަގަރު ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންވަރުލް ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަލްކަތާގައި ހުންނަ ގޯޕާލް ބިސްވާސް ނަމަކަށް ކިޔާ މީހެއްގެ ގެއަށް ޒިޔާރަތްކޮށްފައެވެ. ޖެހިގެން އައި ދުވަހު ބިސްވާސްގެ ގެއިން ނުކުތީ ޑޮކްޓަރަށް ދެއްކުމަށެވެ. އަދި އެނބުރި ބަންގްލަދޭޝްއަށް އަންނާނެ ކަން އާއިލާއަށް އަންގާފައިވަނީ ހަވީރުގެ ވަގުތެއްގައެވެ.