ރަޝިއާ އިން ޔޫކުރޭނާއި ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި އެ ގައުމުގެ އަސްކަރީ ޑުރޯންތަކުގައި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރަމުންދާ ކަން ފަޅާއަރައިފިއެވެ.

ހެކްކުރުމުގައި ދުނިޔެއަށް މަޝްހޫރު ސައިބަރ ރެސިސްޓެސް ގުރޫޕްގެ ހެކްޓިވިސްޓުން ބުނެފައިވަނީ އެމެރިކާގެ ގުރެފިކްސް ޕުރޮސެސަރ އުފައްދާ ވަރުގަދަ ޓެކްނޮލަޖީ ކުންފުނި ނިވީޑިއާ އާއި ރަޝިއާގެ ޑިފެންސް އިންޑަސްޓަރީގައި ނަން މަޝްހޫރު ޑުރޯން އުފައްދާ ބޮޑު ކުންފުނި އަލްބަޓްރޮސް އާއި ސިއްރު ގުޅުންތަކެއް އޮންނަ ކަމަށެވެ.

އިންފޯނަޕަލްމް ކިޔާ ތަހްގީގީ އޮގަނައިޒޭޝަން އިން ނެރެނު ތަހްޤީޤީ ރިޕޯޓެއްގައިވާ ގޮތުން ރަޝިއާގެ ޑިފެންސް އިންޑަސްޓްރީގެ އަލްބަޓްރޮސް ކުންފުނިން ދަނީ ނިވީޑިއާގެ ޖެޓްސަން ސީރީޒްގެ މައިކުރޮކޮންޕިއުޓާސް އެ ކުންފުނީގެ އަސްކަރީ ޑުރޯން އެމް 5 ގައި އިމޭޖް ރިކޮގްނިޝަން ފީޗާސް އަށް ބޭނުން ކުރަމުންނެވެ.

އެ ތަހްޤީޤީ ރިޕޯޓްގައި ވާ ގޮތުން ރަޝިއާގެ އަލްބަޓްރޮސް އާއި އެމެރިކާގެ ނިވީޑިއާ ކުންފުންޏާއި ދެމެދު ވިޔަފާރީގެ ގުޅުންތައް ފުރަތަމަ ޤާއިމްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އަދި ކި ދެ ކުންފުނިން ވަނީ އެތައް މިލިއަން ޑޮލަރުގެ ވިޔަފާރި މިއަދާ ހަމައަށް ކޮށްފައި ކަމަށެވެ.

ރަޝިއާގެ އިން ޔޫކުރޭނުގެ ކުރެމިއާ އެ ގައުމުގެ ބާރުގެ ދަށަށް ގެެނެސް އެއީ އެ ގައުމުގެ ބައެއްގެ ގޮތުގައި ކަޑައެޅިފަހުން އެމެރިކާ އިން ވަނީ އެ ގައުމުގެ ކުންފުނިތައް ރަޝިއާ އާއި އެކީ އެއްވެސް އަސްކަރީ ޓެކްނޮލޮޖީ އެއް އެކްޗޭންޖް ކުރުން މަނާ ކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ނިވީޑިއާ ކުންފުންޏާއި ރަޝިއާގެ އަލްބަޓަރޮސް އާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އިންފޯމްނަޕާލްމް އިން ނެރުން ރިޕޯޓްގައިވެއެވެ.

ރަޝިއާ އިން ޔޫކުރޭނަށް ހަމަލާދީ އެ ގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމުގެ ސަބަބުން އެމެރިކާ އިން ރަޝިއާގެ ވަރަށް ގިނަ އަސްކަރީ ކުންފުނިތަކަށާއި ރަޝިއާގެ ސަރުކާރާއި ދެކޮޅަށް ވެސް ވަރަށް ވަރުގަދަ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެމެރިކާގެ ސަރުކާރުން ވަނީ ސީދާ އަލްބަޓްރޮސް އަށް ވެސް ފިޔަވަޅު އަޅާފައިއެވެ. ނަމަވެސް އެމެރިކާގެ ދެ ވަނަ އަށް އެންމެ ބޮޑު ކުންފުނި ނިވީޑިއާ އިން ރަޝިއާގެ އަލްބަޓްރޮސް އާއި އެކީ އޮންނަ ވިޔަފާރީގެ ގުޅުން ހުއްޓާލާފައި ނުވެއެވެ.