ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރ ކޮޅިގަނޑެއް އުފެދިއްޖެ ކަމަށާއި އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެޖެނަމަ ކިޔާނީ "ތޫފާން ރެމަލް" ކަމަށް އިންޑިއާގެ މީޓީއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

ބޭ އޮފް ބެންގާލް ނުވަތަ ބަންގާޅު ކަނޑުގެ ހުޅަނގު މެދުތެރޭ ލޯ ޕްރެޝަރ އޭރިޔާއެއް އުފެދިފައިވާ ކަމަށް މެޓުން ވެސް ބުނާއިރު، އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ބުނަން އަދި އަވަސް ކަމަށް މެޓުން ބުނެއެވެ.

އިންޑިއާގެ މޫސުން ލަފާކުރާއިރު ލޯ ޕްރެޝަރު ކުރިއަށް އޮތް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ޑިޕްރެޝަނަކަށް އަދި 48 ގަޑިއިރާ 72 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ޑީޕް ޑީޕް ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެއެވެ. އެހެންނަމަވެސް އެއަށްވުރެ ބާރު ގަދަވެ ތޫފާނަކާ ހަމައަށް ގޮސްދާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތައް ހިމެނޭހެން ކޮމޮރިން އޭރިއާއާއި ބަންގާޅު ކަނޑުގެ ދެކުނާއި އަރަބި ކަނޑުގެ ދެކުނާއި އަންޑަމަން އަދި ނިކޮބަރ އައިލެންޑްސް ހިމެނޭ ސަރައްދުވެސް ހިމެނޭހެން ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެފައިވާކަމަށްވެސް އިންޑިއާގެ މެޓުން މިއަދު ވަނީ ބުނެފައެވެ.

މި ލޯ ޕްރެޝަރ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ ތޫފާނަށް ނަން ހުށަހަޅަނީ ނޯތު އިންޑިއަން އޯޝަން ޓްރޮޕިކަލް ސައިކްލޯންސް އަށް އެކުލަވާލާފައިވާ ލިސްޓުގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، އިރާން، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ޤަތަރު، ސަޢޫދީ އަރަބިއްޔާ، ސްރީ ލަންކާ، ތައިލެންޑު، އެކުވެރި އަރަބި އިމާރާތް އަދި ޔަމަނުންނެވެ.

ރާއްޖެއިން އެ ލިސްޓަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ ބުރެވި، މިދިލި، ކާނި، އޮޑި، ކެނައު، އެންދެރި، ރިޔައު، ގުރުވަ، ކުރަނގި، ކުރެދި، ހޯރަނގު، ތުނޑި އަދި ފާނައެވެ. މި ނަންތަކުގެ ތެރެއިން ބުރެވި އަދި މިދިލި، މި ދެނަން މިހާތަނަށް ދެ ތޫފާނަކަށް ދީފައިވެއެވެ.

ތަރުތީބުން ދާދިއުމަށް ބަލާއިރު މި ސަރަހައްދުގައި އެންމެ ފަހުން އުފެދުނު ތޫފާނަށް ނަން ދިނީ މިޔަންމާއިންނެވެ. އެއީ ތޫފާން މިޗައުން އެވެ. ދެން ލިސްޓުގެ ތަރުތީބުގައި އިން ނަމަކީ ތޫފާން ރެމަލްއެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އުފެދޭ ތޫފާނަަކަށް ކިޔާނީ "ތޫފާން ރެމަލް" ކަމަށް އިންޑިޔާގެ މެޓުން ވަނީ ބުނެފައެވެ.