ރަޝިއާ އިން ޔޫކުރޭނުގެ ބޯޑަރު ކައިރިގައި ނިއުކުލެއަރ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ޓެކްނިކަލް ފަރިތަކުރުންތަކެއް ކުރިއަށް ގޮންގޮސްފިއެވެ.

ރަޝިއާ އިން ވަނީ އެ ގައުމުން އެ ގައުމުގެ ސަރަހައްދީ މަސްލަހަތު ދިފާއުކުރަން ޔޫކުރޭނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހުޅަނގުގެ ގައުމުތަކުން އަމަލީގޮތުން ވަންނަމުންދާތީ އެކަމާއި ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ. އަދި ހުޅަނގުން ހަނގުރާމައިގައި ތެރެއަށް އަމަލީގޮތުން ވަންނަ ކަމުގައި ވާނަމަ ރަޝިއާ އިން މަޑުން ނޯންނާނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައެވެ.

ރަޝިއާގެ ރައީސް ވިލެޑްމިއަރ ޕޫޓިން ވަނީ ޔޫކުރޭނުގެ ބޯޑަރު ކައިރީގައި ނިއުކުލެއަރ ޓެކްނިކަލް ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް މި ދިޔަ މަހުގައި އިއުލާން ކޮށްފައެވެ. އަދި ޕޫޓިން ވަނީ ހުޅަނގުގެ ގަައުމުތަކުން ޔޫކުރޭނުގެ ހަނގުރާމައިގެ ތެރެއަށް ނުވަދުމަށާއި އެކަން އެ ގޮތަށް ހުޅަނގު ގައުމުތަކުން ކުރަމުންދާ ކަމަށް ވަނީ ނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެ އިންޒާރުދީފައެވެ.

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ރަޝިއާ އިން އެންމެ ބޮޑަށް ނުރުހުންފާޅުކޮށްފައި ވަނީ ފުރެންސޭސިވިލާތާއި އިނގިރޭސިވިލާތަށެވެ. ފަރެންސޭސި ރައީސް އެމަނުއެލް މެކްރޮން ކުރިން ބުނެފައިވަނީ ޔޫރަޕުގެ ގައުމުތަކުގެ އަސްކަރިއްޔާ ތަކުން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަކުރުމަށް ޔޫކުރޭނަށް ސިފައިން ފޮނުވަން ޖެހޭ ކަމަށެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގިނަ ގައުމުތަކުން ވަނީ އެ ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔޫކުރޭނަށް އެ ގައުމުތަކުގެ ސިފައިން ނުފޮނުވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމޮރޮން ވަނީ އިނގިރޭސިވިލާތުން ޔޫކުރޭނަށް ދީފައިވާ ހަތިޔާރުތައް ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާދިނުމަށް ޔޫކުރޭނަށް ހިތްވަރުދީފައެވެ. މި ކަމާއި ގުޅިގެން ރަޝިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫކުރޭނުން އިނގިރޭސި ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާއެއް ދީފި ނަމަ ޔޫކުރޭނުގައި ހުރި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކަށާއި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ހަމަލާދޭނެ ކަމަށެވެ.

ރަޝިއާ އިން މި ނިއުކުލެއަރ ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ތަމްރީންތައް ހެދުމުގެ ބޭނުމަކީ ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ އިންޒާރެއް ދިނުން ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.