ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެޖިއުޖީ ކޭމްޕަށް ހަމަލާތަކެއް ދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ނިރުބަވެރިން ރޭގެ ވަގުތެއްގައި މި ހަމަލާދީފައިވަނީ ނުސީރަތް ކޭމްޕުގައި ހުންނަ ގެއަކަށް އަމާޒުކޮށެވެ. ބޮމުގެ މި ހަމަލާގައި 8 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ވަނީ ބުނެފައެވެ.

މިހަމަލާގައި 8 މީހަކު ޝަހީދުވެފައިވާއިރު، އިތުރު ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ. އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދިން ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އަންނަނީ އަދިވެސް ހަރާކާތްތެރިވަމުންނެވެ. އެހެން ކަމުން ޝަހީދުވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ރޭ ނުސީރަތް ކޭމްޕަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، ޣައްޒާގެ އިތުރު އެހެން ސަރަހައްދުތަކަށް ވެސް ވަރުގަދަ ހަމަލާތަކެއްދީ، ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ސީދާ އަދަދެއް އަދި އެނގިފައެއް ނުވެއެވެ.