ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ޣައްޒާގެ މިސްކިތަކަށް ހަމަލާދީ 16 މީހަކު ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ބޮމުގެ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ އިތުރުގައި ހުންނަ ފާތިމާ އަލް-ޒަހްރާ މިސްކިތަށެވެ. ފަތިހުގެ ވަގުތެއްގައި ދިން މި ހަމަލާގައި މީގެ ކުރިން ރިޕޯޓްތަކުން ބުނެފައިވަނީ 10 މީހަކު ޝަހީދުވި ކަމަށެވެ. ނަމަވެސް މިހާރު ޝަހީދުވެފައިވާ މީހުންގެ އަދަދު 16 އަށް އުފުލިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާގައި 16 މީހަކު ޝަހީދުކޮށްލާފައިވާއިރު، އެތަކެއް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިސްކިތަށް ދިން މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުވެ، ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވަންނާނެ ގެދޮރު ނެތި، ރައްކާތެރިކަން ހޯދުމަށް މިސްކިތުގައި ތިބި މީހުން ކަމަށާއި އެތަނަކީ އެއީ ޤުރުއާން ކިޔަވައިދެމުން އައި ތަނެއް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ މި ހަމަލާގައި މިސްކިތަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިސްކިތުގެ އިތުރުން ވެސް މި ހަމަލާގައި އެސަރަހައްދާއި ކައިރީގައި ހުރި ގެތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ނިރުބަވެރިން މި މިސްކިތަށް ހަމަލާދީ، 16 މީހަކު ޝަހީދުކޮށްލާފައިވާއިރު، ރޭގެ ވަގުތެއްގައި ޣައްޒާގެ މެދު ތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. ނިރުބަވެރިންގެ މި ހަމަލާތަކުގައި މިހާތނަށް 8 މީހަކު ޝަހީދުވެ، އެތަކެއް ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ދީފައެވެ.