އެމެރިކާއިން ނިރުބަވެރި އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ ކުޑަކުދިން ޝަހީދުކުރަމުން އަންނާތީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

"ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް ފަލަސްތީން" އިން ބުނީ، މި ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުގެ ސްނައިޕަރުން ޣައްޒާގެ 15 އަހަރުގެ ދެފިރިހެން ކުދިން ޖެނިންގައި ޝަހީދުކޮށްލުމަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ކުޑަކުދިންނާއި ދެކޮޅަށް އާންމުކޮށް، މަނާ ނުވަތަ ލީތަލް ބާރު ބޭނުން ކުރާކަން ހާމަވާ ކަމެއް ކަމަށެވެ.

އެފަދަ ހަތިޔާރުތަކަކީ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ކަމުން އެހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

"ޣައްޒާގައި ވިއަސް އަދި ޖެނިންގައި ވިއަސް، ހުއްޓުމެއް ނެތި ފަލަސްތީނުގެ ކުޑަކުދިން ޝަހީދު ކުރުމަށް ބޭނުން ކުރާ ހަތިޔާރުތައް އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވުން އެމެރިކާއިން ހުއްޓާލަން ޖެހޭ" އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އަންގާރަ ދުވަހު ޝަހީދުކޮށްލާފައިވަނީ އުމުރުން 15 އަހަރުގެ މަހްމޫދު އަމްޖަދް އިސްރާއީލް ހަމަދްނެއް އާއި އޮސާމާ މުހައްމަދު ނައީމް އަބްދު އާތިފް ހުޖާއިރު އެވެ. މީގެ ތެރެއިން މަހުމޫދު ޝަހީދުކޮށްލާފައިވާއިރު، އޭނާ ސްކޫލް ނިންމާލުމަށްފަހު ގެއަށް ބައިސިކަލުގައި ދަނިކޮށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މަހުމޫދު ޝަހީދު ކުރި ވާހަކަ ރިޕޯޓްތަކުން ގެނައިތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ދިޔަ ސްކޫލުގެ ޓީޗަރަކު ވެސް ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކުރަން ފަށާފައެވެ.