ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިން މިހާރު ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް އަރައި ހަރުކަށި ރެއިޑްތަކެއް ހިންގައި ހަމަނުޖެހުން ހިންގަމުންނެވެ.

ޖެނިން ރެފިއުޖީ ކޭމްޕަކީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 14،000 މީހުން ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕެކެވެ. މި ރެފިއުޖީ ކޭމްޕު އޮންނަނީ ހުޅަނގު އައްސޭރީގެ ޖެނިން ސަހަރު އާއި ޖެހިގެންނެވެ.

1948 ވަނަ އަހަރުގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް އިނގިރޭސިވިލާތުން ވުޖޫދުކުރުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ގަދަކަމުން ދުރުކުރުވުމުގެ ސަބަބުން ރެފިއުޖީންނަށްވި ފަލަސްތީނުގެ ވަރަށް ގިނަ ރައްޔިތުން ޖެނިން ރެފިއުޖީ ކޭމްޕުގައި ވަޒަންވެރިވިއެވެ. ޖެނިން އަކީ ދަނޑުވެރިކަމަށް ފަލަސްތީނުގައި މަޝްހޫރު ސަހަރެކެވެ.

1948 ވަނަ އަހަރުގައި ޖެނިންގައި ހެދި ޖެނިން ރެފިއުޖީ ކޭމްޕު ސުނޯގެ ތޫފާނެއްގައި ހަލާކުވެގެން ދިޔުމާއި ގުޅިގެން އަލުން ފަލަސްތީނުގެ ރައްޔިތުން ޖެނިންގައި ވަޒަންވެރިވީ 1953 ވަނަ އަހަރުއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތާއި ދެކޮޅަށް ހަތިޔާރު ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން ނުކުތުމުގެ ސަބަބުން 1987 ވަނަ އަހަރާއި 1993 ވަނަ އަހަރާއި ދެމެދު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ހަނގުރާމަވެރިންނާއި ހަތިޔާރު ހޯދުމަށް ކަމަށް ބުނެ ޖެނިން ރެފިއުޖީ ކޭމްޕަށް ވަރަށް ބޮޑަށް ހަމަލާދީ އަދި އެ ކޭމްޕުގައި ވަރުގަދަ ރެއިޑްތަކެއް ހިންގާފައެވެ. މި ރެއިޑްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ 400 އަށް ވުރެ ގިނަ ގެ ވަނީ ޔަހޫދީން މުޅިން ހަލާކުކޮށްލާފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގި ރެއިޑް އެއްގައި ވަނީ ފަލަސްތީނުގެ 10 ރައްޔިތުން ޝަހީދުކޮށްލާ 20 ރައްޔިތުން ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާތައް ދޭން ފެށުމާއި އެކީ ހުޅަނގު އައްސޭރީގެ ޖެނިން ސަހަރަށާއި ޖެނިން ރެފިއުޖީ ކޭމްޕަށް ވަނީ ވަރަށް ގިނައިން ރެއިޑްތައް ކޮށްފައެވެ. އަދި ޔަހޫދީން ދަނީ ޖެނިން އިން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ހައްޔަރުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލްގެ ޖަލުތަކުގައި އިންސާނިއްޔަތާއި ހިލާފް އަނިޔާތައް ކުރަމުންދާ ކަމަށް ފަލަސްތީނުގެ ޕުރިޒަނާސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.