ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ މީހެއްގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕުގައި އެމީހާ ޝަހީދުކޮށްލާފައިވަނީ ސްނައިޕަރަކުން ބޮލަށް ބަޑި ޖަހައިގެންނެވެ.

ފަލަސްތީނުގެ އެމީހާގެ ބޮލަށް ބަޑި ޖަހައި ޝަހީދުކުރި ނަމަވެސް އެމީހާގެ މައުލޫމާތާއި މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް މީޑިއާތަކުން އާންމު ކޮށްފައެއް ނުވެއެވެ.

ޖަބަލިއާ ކޭމްޕުގައި ނިރުބަވެރި އިސްރާއީލުގެ ސްނައިޕަރުން މީހަކު ޝަހީދުކޮށްލާފައިވާއިރު، ރޭ ފަތިހު ނިރުބަވެރިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައެވެ. އެގޮތުން ޣައްޒާގެ އުތުރުގައި ހުންނަ ފާތިމާ އަލް-ޒަހްރާ މިސްކިތަށް ހަމަލާތަކެއްދީ 16 މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެފިއުޖީ ކޭމްޕަށް ހަމަލާދީ ވަނީ 8 މީހަކު ޝަހީދުކޮށްލާފައެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35،709 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މިމުއްދަތުގައި 79،990 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.