ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި އެ ކޭމްޕުގައި ހުންނަ އަވްދާ ހޮސްޕިޓަލް ކައިރިއަށް ވެސް ހަމަލާތައް އަމާޒުކުރަމުން އެބަދެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ އަވްދާ ހޮސްޕިޓަލްގައި ތިބި ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުން އެތަން ދޫކޮށް ދިޔުމަށެވެ. އަދި ހަމަލާތައް ހޫނުވާ ވަގުތު ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ ފުރާނަ އަށް ގެއްލުންވެދާނެ ކަމުގެ އިންޒާރު ވެސް ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ދީފައެވެ.

ނަމަވެސް ޖަބަލިއާގެ އަވްދާ ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ވަނީ އެ ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި ޔަހޫދީންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުން އެކަނި ދޫކޮށް ދާން ދެކޮޅު ހަދާފައެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވަނީ ބަލި މީހުންނާއި ޒަހަމްވެފައިވާ މީހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން އިސްރާއީލްގެ އަސްކަރިއްޔާ އިން އެންބިއުލާސް ފޯރުކޮށްނުދެނީސް އެމީހުން އެ ހޮސްޕިޓަލް ދޫކޮށް ނުދާނެ ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ފިނޑި ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ހިތްވަރު ގަދަ މުޖާހިދުންނާއި ދެމެދު ޖަބަލިއާގައި ވަރަށް ވަރުގަދަ އަށް ހަމަލާތައް މިއަދު ވެސް ބަދަލުކުރެވެމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.