ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެެރިން ކަމަށްވާ އިސްމާއީލް ހަނިއްޔާއާއި ޚާލިދް މެޝާލް އާ ޤަތަރުގެ ވެރި ރަށް ދޯހާގައި ބައްދަލުކުރި ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ ހަމާސްގެ އިސްވެރިންނާއި ބައްދަލުކުރީ ސުލްހައަށް ލޯބި ކުރާތީ ކަމަށާއި މެލޭޝިއާ އިން އެންމެ ދެކެން ބޭނުންވަނީ ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ލޭ އޮހިރުވުންތަކަށް އަވަސް ދާއިމީ ނިމުމެއް އައިސް ފަލަސްތީނުގެ ރައްޔިތުން ސުލްހަވެރިކަމާއި އެކީ އުޅޭނެ ދުވަހެއް ކަމަށެވެ.

" އަހަރެން އެ ދެމީހުން ވެސް ދަންނަތާ މިހާރު އެތައް އަހަރެއް ވެދާނެ. އެ ދެ މީހުންނާއި ބައްދަލު ނުކުރަންވީ އެއްވެސް ސަބަބެއް އަހަރެންނަށް ނުފެނޭ. އަހަރެން ބުނިން ހަމާސް އިން ވެސް އަވައްޓެރި ގައުމުތަކުން ސުލްހަ ޤާއިމުކުރަން ކުރަމުންދާ މަސައްކަތްތަކަށް އެބަ ޖެހޭ އެއްބާރުލުން ދޭން. ހަމާސްގެ އެއްބާރުލުމާއި އެކީ އޭ ސުލްހަޤާއިމު ކުރެވޭނީ" 29 ވަނަ ފިއުޗަރ އޭޝިއާ ފޯރަމްގައި ކުރިއަށް ދިޔަ ސުވާލާއި ޖަވާބުގެ ޝެޝަންގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ބުނެފައިވަނީ އަސީރުންތައް ދޫކޮށް ފަލަސްތީނުގެ ގައިދީން ވެސް މިނިވަން ކުރުމަށް މަސައްކަތް ކުރުމަށާއި އަދި ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް ޤާއިމް ކުރުމަށް ތާއީދުކުރުމަށް ވެސް އެމަނިކުފާނު ވާނީ ހަމާސްގެ ވެރިންނަށް އިލްތިމާސް ކޮށްފައި ކަމަށް ވިދާޅުވިއެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގެ ސަބަބުން ޔަހޫދީ އިސްރާއީލުން 1948 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާތައް ހަދާން ނައްތާނުލެވޭނެ ކަމަށް ވެސް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.