އިންޑިއާގައި އައްސާމް ސްޓޭޓުގައި ގިނަ ބަލިތަކާއެކު ބޭރަށް ހިނގުން ފެތުރި، ގިނަ ބަޔަކު މަރުވަމުންދާތީ ޔޫނިއަން މިނިސްޓަރ ސަރުބަނަންދާ ސްނޯވާލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފާއިތުވީ ހަފްތާގައި އެކަނިވެސް ބޭރަށް ހިނގުން ޖެހިގެން 11 މީހަކު އައްސާމް ސްޓޭޓުގެ ޓިންސުކިޔާ އަވަށުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މަރުވި މީހުންނާއެކު މަސައްކަތްކުރި އެހެން މީހުން ބުނާގޮތުން އެމީހުން މަރުވީ އެއްވެސް ސާފުތާހިރު ކަމެއް ނެތުމާއި ސާފު ބޯފެން ނުލިބުމުގެ ސަބަބުންނެވެ.

ޔޫނިއަން މިނިސްޓަރ ސްނޯވާލް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް އެ ސްޓޭޓުގެ މިވަގުތުގެ ހާލަތު ބަލާ ވަޒަން ކުރުމަށް އައްސާމް ޗީފް ސެކްރެޓަރީ އަދި ޓިންސުކިޔާ އަވަށުގެ ޑިސްޓްރިކްޓް ކޮމިޝަނަރއަށް ގޮވާލާފައެވެ. އަދި މި ބަލި ޖެހިގެން އުޅޭ މީހުންނަށް އަވަސް ފަރުވާ ދިނުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

އައްސާމްގެ އެމްއެލްއޭ ރުޕޭޝް ގޮވަލާ ވަނީ ހޮސްޕިޓަލަށް ވަޑައިގެން އެ ސްޓޭޓުގެ މިވަގުތު ހާލަތު ބައްލަވައި ރެކޯޑް ނަގާފައެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އޭނާ ވަނީ އަންގާފައެވެ.

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ބުނާގޮތުގައި ބޭރަށް ހިނގުން ފެތުރެނީ ޖަރާސީމާއި އިންފެކްޝަންގެ ސަބަބުންނެވެ. އަދި ތަޣައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުންވެސް ބޭރަށް ހިނގަން މެދުވެރިވެދާނެއެވެ. ބޭރަށް ހިނގުމުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނުގެ ބައި ދަށްވެ މީހާގެ ފުރާނައަށްވެސް ނުރައްކާވާ ހާލަތަށް ހިނގައިދާނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުން ނުވަތަ ހަށިގަނޑުން ފެން މަދުވުމަކީވެސް މަރުވާ މައިގަނޑު އެއް ސަބަބެވެ.

ބޯން ސާފު ފެން ނުލިބި އެއްވެސް ސާފުތާހިރު ކަމެއް ނެތުމުގެ ސަބަބުން އިންޑިއާގައި ބަލިތައް ދަނީ ފެތުރެމުންނެވެ.