އެޗްއައިވީ އާއި ސިފިލިސް ފަދަ ގައިން ގަޔަށް އަރާ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 2.5 މިލިޔަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު އާ ރިޕޯޓަކުން ދައްކާ ގޮތުގައި މިހާރަކަށް އައިސް ގައިންގަޔަށް އަރާ ބަލިތައް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު (ގާތްގަނޑަކަށް 2.5 މިލިއަން) މަރުވަމުންދަނީ އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް، އަދި ޖިންސީ ގުޅުމުން އަރާ ބަލިތައް (އެސްޓީއައި) ފަދަ ބަލިތަކުގެ ސަބަބުންނެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި ސިފިލިސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން 2022 ވަނަ އަހަރު އާ ވޭދަނަތަކެއް ފެނިފައިވާއިރު ޚާއްސަކޮށް އެމެރިކާއާއި އެފްރިކާއިން ވަނީ ސިފިލިސްގެ ވޭދަނަތައް ފެނިފައެވެ. މި ބައްޔަކީ ފަރުވާ ލިބޭނެ ބައްޔެއް ނަމަވެސް ހަލުވި ކަމާއެކު ބަލި ފެތުރެމުންދާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑަބްލިޔުއެޗްއޯއިން ގަބޫލުކުރާ ގޮތުގައި 2030 ވަނަ އަހަރުގެ ނިޔަލަށް މި ބަލިތައް ކޮންޓްރޯލްކޮށް ނައްތާލެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

އެންމެ ފަހުން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ގިނަ ސަރަހައްދުތަކެއްގައި ގައިން ގަޔަށް އަރާ ބަލިތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ޑަބްލިޔުއެޗްއޯގެ މެމްބަރު ގައުމުތަކުން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ސިފިލިސް ޖެހޭ މީހުންގެ އަހަރީ އަދަދު ދިހަގުނަ މަދުކޮށް، 7.1 މިލިއަނުން 0.71 މިލިއަނަށް ކުޑަކުރުމުގެ ބޮޑު އަމާޒެއް ކަނޑައަޅާފައެވެ. ނަމަވެސް 15-49 އަހަރުގެ މީހުންގެ ތެރެއިން އަލަށް ސިފިލިސް ޖެހޭ މީހުން ވަނީ ގިނަވެފައެވެ. އެގޮތުން 2022 ވަނަ އަހަރު އެ އަދަދު އެއް މިލިއަނަށް އިތުރުވެ 8 މިލިއަނަށް ވަނީ އަރާފައެވެ. އެންމެ ގިނައިން އިތުރުވެފައިވަނީ އެމެރިކާއާއި އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ ސަރަޙައްދުގައެވެ.

އަދި ހަމައެއާއެކު ގޮނޯރިއާ އިތުރުވެ، 2023 ވަނަ އަހަރުގެ ނިޔަލަށް ގޯނޯރިއާ އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ސަރވޭލަންސް ކުރި 87 ޤައުމުގެ ތެރެއިން 9 ގައުމަކުން ގޮނޯރިއާގެ ކޭސްތައް 40-5 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު ގާތްގަނޑަކަށް 1.2 މިލިއަން އާ ހެޕަޓައިޓިސް ބީ ކޭސް އާއި ގާތްގަނޑަކަށް އެއް މިލިއަން އާ ހެޕަޓައިޓިސް ސީ ކޭސް ރެކޯޑް ކުރެވިފައިވާއިރު، ހެޕަޓައިޓިސް ޖެހިގެން މަރުވާ މީހުންގެ އަދަދު 2019 ވަނަ އަހަރު 1.1 މިލިއަނުން 2022 ވަނަ އަހަރު 1.3 މިލިއަނަށް ވަނީ އިރުރުވެފައެވެ.

އަލަށް އެޗްއައިވީ ޖެހޭ މީހުންގެ އަދަދު 2020 ވަނަ އަހަރު 1.5 މިލިއަނުން 2022 ވަނަ އަހަރު 1.3 މިލިއަނަށް މަދުވިއެވެ. ނަމަވެސް އާންމު އާބާދީއަށްވުރެ އެޗްއައިވީ ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަތިވެފައިވާކަން ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި އަލަށް އެޗްއައިވީ ޖެހޭ މީހުންގެ %55 ޖެހެނީ އެމީހުންގެ ބައިވެރިންގެ ސަބަބުންނެވެ.

އެޗްއައިވީއާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު އެޗްއައިވީ ޖެހިގެން 630،000 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން %13 އަކީ 15 އަހަރުން ދަށުގެ ކުދިންނެވެ.