މެކްސިކޯގައި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގެ ތެރޭގައި ސްޓޭޖު ވެއްޓި ނުވަ މީހަކު މިއަދު މަރުވެއްޖެއެވެ.

މި ހާދިސާގައި 50 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގަވަރުނަރު ގާސިޔާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުގައި ސްޓޭޖް ވެއްޓުނު ވަގުތުގައި ލައިޓްތަކާއި އެއްޗެހި ވެއްޓުނީ މީހުންގެ ތެރެއަށެވެ. ސަލާމަތަށް އެދި މީހުން އެކި ދިމަދިމާލަށް ދުއްވައިގަތެވެ. އެވަގުތު އެ ސަރަހައްދުގައި މެކްސިކޯގެ ރިޔާސީ ކެންޑިޑޭޓް ޖޯޖް އަލްވަރިޒަ މޭނެޒް އާއި އޭނައަށް ތާއީދު ކުރާ ގިނަ ސަޕޯޓަރުން ތިއްބެވެ.

ސެން ޕެޑްރޯ ގާޒާ ގާސިއާ ޓައުންގައި އެކްސިޑެންޓް ހިނގި ތަނުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިއާ ވިދާޅުވީ އެފަދަ ކަމެއް ވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި މިއީ ނުވިސްނާ ތިއްބާ ކުއްލިއަކަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ކަމަށެވެ.

ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތްވި މައިނޭޒް ނަމަކަށް ކިޔާ މީހަކު ބުނީ ސްޓޭޖް ވެއްޓުނީ ބާރު ވައި ރޯޅިއެއްގެ ސަބަބުން ކަމަށެވެ. އަދި އެންމެ އިސްކަމެއް ދިނީ އަނިޔާ ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބުނެފައިވެއެވެ.

މި ހަރަކާތަކީ ސެން ޕެޑްރޯ ގާޒާ ގާސިއާގެ މޭޔަރު ކަމަށް ސިޓީޒަންސް މޫވްމަންޓްގެ ކެންޑިޑޭޓް ލޮރެނިއާ ކަނަވާޓީގެ ކެމްޕެއިން ނިންމުމަށްޓަކައި ބޭއްވުނު ރެލީއެކެވެ. އެ ޕާޓީގެ ސެނެޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

ސްޓޭޖް ވެއްޓުމުގައި ހާދިސާ ދިމާވުމުން ކެމްޕޭން އިވެންޓްތައް ވަގުތުން މެދުކަނޑާލާފައިވާއިރު މައިނޭޒް ބުނީ އަނިޔާ ލިބުނު އެންމެ ފަހު މީހާ ހޮސްޕިޓަަށް ގެންދެވެންދެން އެތަނުގައި އޭނާ ހުންނާނެ ކަމަށެވެ. އަދި އޭނާގެ ޓީމުގެ ބައެއް މެމްބަރުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.