އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއާއި ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރަކަށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަންގޭރީއިން ބުނެފިއެވެ.

އައިސީސީން އަމުރަކަށް އެދިފައިވަނީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓުގެ އިތުރުން، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމުގެ އަމުރަކަށެވެ.

މި އަމުރުތަކުގެ ތެރެއިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރާއި ގުޅިގެން ހަންގޭރީގެ ބޮޑު ވަޒީރު، ވިކްޓަރ އޯބަންގެ ޗީފް އޮފް ސްޓާފް، ގާގެލީ ގުލްޔަސް ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީގެ ޕްރޮސެކިއުޓަރުން އެދުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ހަންގޭރީގެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭނާ މާނަކޮށްފައިވަނީ، އެގައުމުން ނަތަންޔާހޫއަށް ހިމާޔަތްކަން ދޭނެ ކަމަށެވެ. އެއީ އޭނާ ބުނި ގޮތުގައި އެ ކޯޓުގެ އެއްވެސް ނިންމުމެއް އެގައުމުގެ ޤާނޫނު ބުނާ ގޮތުން އެގައުމުގައި ނުހިނގާނެތީއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަމާސް ޖަމާއަތުގެ ތިން ލީޑަރުންގެ މައްޗަށް އުފުލާނީ ބަންދުގައި ބަހައްޓައިގެން ނައްތާލުމާއި، މީހުން މެރުމާއި، ރަހީނު ކުރުމާއި، ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. ނަތަންޔާހޫއާއި ގަލަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ނައްތާލުމަށް މަގުފަހިކޮށްދިނުމާއި، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާއެވެ.

ކަރީމް ބުނެފައިވަނީ މި ނިންމުމަކީ އެއީ ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާނީ ހަންގޭރީގައި ވެރިންނަށް ތިބީ ޔަހޫދީންކަމަށް.

  2. ޙަސަނާ

    އިޒުރޭލުން ކުޑަކުދިންނާ އަންހެނުންމެރުން އެއީކަލެމެނައް ބަލައިގަނެވޭ ކަމެއްތަ..

  3. Anonymous

    އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި އިންސާނީ ޙުޤޫޤުގެ ފިލާވަޅު ދުނިޔެއަށް ނަގައިދޭން ދެން ހަންގޭރީ ނޫޅޭތި. އެއީ ކަލޯމެންގެ މޮޔަކަން ނޫން ދެވަނަ ކަމެއް ނޫން