އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ކޯޓުގައި އޮތް މައްސަލައަކުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދިނުން ނުހުއްޓޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފަހުން ފޭބުމަށް ގޮވާލައި އެގައުމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގެ ގޮތެއް ނިންމަން ބާއްވާ އަޑު އެހުން މާދަމާ ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

އެކަމަށް އިޝާރާތްކޮށް އިސްރާއީލްގެ ސަރުކާރުން ބުނީ ދުނިޔޭގެ ކޯޓުގައި ކޮންމެ ޝަރީއަތެއް ބޭއްވި ކަމުގައި ވިޔަސް، ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓޭނެ އެއްވެސް ކަމެއް މެދުވެރި ނުވާނެ ކަމަށެވެ.

"ޣައްޒާގައި ތިބި ހަމާސްގެ މުޖާހިދުން ފަހަތުން ދިއުމުގައި އާއި އިސްރާއީލްގެ ރައްޔިތުން ދިފާއު ކުރުމުގައި ދެމިތިބޭހާ ހިނދަކު، ދުނިޔޭގެ އެއްވެސް ބާރަކަށް އިސްރާއީލް ނުހުއްޓުވޭނެ،" އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު އަވީ ހައިމަން ވިދާޅުވިއެވެ.

އިސްރާއީލުން އެގޮތަށް ބުނި އިރު، އެ ގައުމުގެ ނޫހެއް ކަމަށްވާ ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ ދުނިޔޭގެ ކޯޓުން ނިންމަފާނެ ނިންމުމަކާ މެދުގައި އިސްރާއީލްގެ އޮފިޝަލުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އޮފިޝަލުން ދެކޭ ގޮތުގައި ދުނިޔޭގެ ކޯޓުން ނިންމާ ނިންމުމަކާ ގުޅިގެން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ރަފާހުގައި ދިރިއުޅޭ ރައްޔިތުން އެތަން ހުސްކުރުމަށް އަމުރުކޮށް، ހަމަލާތަކެއް ދޭން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ނިރުބަވެރިން ރަފަހަށް ވަނުމާއި އެކީ، ދެކުނު އެފްރިކާއިން ވަނީ ނިރުބަވެރިން ރަފާހުން ބޭރު ކުރުމާށާއި އެތަނުގައި ތިބި އިސްރާއީލުން މީހުން އެތަނުން ފޭބުމަށް ގޮވާލައި، އިސްރާއީލާއި ދެކޮޅަށް އައިސީޖީއަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

މިމައްސަލައިގައި މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމުގައި ދެކުނު އެފްރިކާއިން ވަނީ ނިރުބަވެރިން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް، ހާއްސަކޮށް ރަފަހުގައި ދެމުން އަންނަ ހަމަލާތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅެވޭ ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށް އެދި އަމުރަކަށް އެދިފައެވެ.

ފަލަސްތީނުގެ ރަފަހް އަކީ މިހާރު ވެސް ޔަހޫދީ އަސްކަރިއްޔާގެ ހަމަލާތަކުން ސަލާމަތްވުމަށް ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކުން މިލިއަނެއްހާ ރެފިއުޖީން ޖަމާވެފައިވާ އަވަށެއް ކަން ފާހަގަކޮށް ދެކުނު އެފްރިކާ އިން މިދިަ ހަފްތާގައި ވަނީ ދުނިޔޭގެ ކޯޓަށް އަވަސް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.