ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުންނަށް ދިން ހަމަލާއަކުން ލުބުނާންގެ ސުކޫލު ކުދިންތަކެއް ހަނި ގޮތަކަށް ސަލާމަތްވެއްޖެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ލުބުނާނަށް ދިން ޑުރޯން ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ މުޖާހިދެއް ޝަހީދުވެފައިވާ ކަމަށާއި އަދި އޭގެ އިތުރުން 3 ކުއްޖަކު ވެސް މި ހަމަލާގައި ޒަހަމްވެފައިވާ ކަމަށް އޭއެފްޕީ ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

އޭއެފްޕީ ނިއުސް އިން ފަހުން ހާމަކުރި ގޮތުގައި މި ހަމަލާގައި ޒަހަމްވި 3 ކުދިންނަކީ ލުބުނާންގެ ސުކޫލު 3 ކުދިން ކަމަށާއި މިހާރު އެ ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ޔަހޫދީން މި ޑުރޯން ހަމަލާދިން އުޅަނދު ދަތުރުކުރަމުން ދިޔައީ ސުކޫލް ދަރިވަރުން ގޮވައިގެން ދިޔަ މިނި ބަހާއި ވަރަށް ކައިރިން ކަމަށާއި ޔަހޫދީންގެ ހަމަލާގެ ސަބަބުން ސުކޫލު މިނި ބަސްގެ ބިއްލޫރިތައް ތަޅައިގެން ގޮސް ވިއްސައިގެން ދިޔަ ކަމަށް އޭއެފްޕީ ނިއުސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

"އަހަރެމެންނަކަށް ފުރަތަމަ ނޭނގޭ ވީ ގޮތެއް. އަހަރެމެން މަގުގައި ދުއްވާފައި ދަނިކޮށް ހަމަ ކުއްލި އަކަށް އަހަރެމެންގެ ކުރިމަތީގައި އޮތް ކާރަށް ހަމަލާއެއް އަރައި އެ ކާރު ގޮވީ. ބާރު އަޑުފަށް ގަނޑާއި އެކީ ހުރިހާ ސުކޫލު ކުދިން ވެސް ބިރުން ރޯއްފެށި. ހާނިއްކަ ވި ކުދިންނަށް ހާނިއްކަ ވެފައިވަނީ ގޮވުމުގެ ސަބަބުން ބިއްލޫރިތައް ތަޅައިގެން ގޮސް ވިއްސައިގެން އައި އެތި ކޮޅުތައް އެ ކުދިންގެ ގައިގައި ޖެހިގެން" އެ ބަސް ދުއްވަށް އިން އުމުރުން 57 އަހަރުގެ އަހްމަދް ޤުބައިސީ އޭއެފްޕީ ނިއުސް އަށް ކިޔައިދިނެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭން ފެށުމާއި އެކީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ލުބުނާންގެ ދެކުނުގެ ބޮޑު ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތާއި ދެމެދު އަންނަނީ ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުންނެވެ.