ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ލުބުނާންގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ލުބުނާންގެ ދެކުނުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެން ކޮންޓްރޯލް ކުރަމުން އަންނަ ހިޒްބުﷲ ޖަމާއަތުން އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލްގެ ދެކުނުގައިވާ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ބެއިތް ހިލެލް އަސްކަރީ މަރުކަޒަށް އަމާޒުކޮށް އެތައް ރޮކެޓެއް ހިޒްބުﷲ ގެ ހަނގުރާމަވެރިން ފޮނުވާލާފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވެސް ވަނީ އިސްރާއީލަށް އަމާޒުކޮށް ލުބުނާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ. ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލްގެ ބެއިތް ހިލެލް އަސްކަރީ މަރުކަޒަށް 30 ރޮކެޓް ފޮނުވާލާފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ.

އިއްޔެ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެކުނު ލުބުނާންގެ ކަފްރް ދައްޖާލް އަވަށް ކައިރީގައި ދިން ޑުރޯން ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ އިސް ހަނގުރާމަވެރި އެއް ކަމަށްވާ މުހައްމަދު ނަސެރް ޝަހީދުވިކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ މި ޑުރޯން ހަމަލާގައި ލުބުނާންގެ ސުކޫލުކުދިން ތަކެއް ވެސް ވަނީ ޒަހަމްވެފައެވެ. ހިޒްބުﷲ ގެ މުޖާހިދު މުހައްމަދު ނަސެރް ދަތުރުކުރަމުން ދިޔަ ކާރު ދަތުރުކޮށްފައިވަނީ ލުބުނާންގެ ސުކޫލު ކުދިންތައް ގޮވައިގެން ދިޔަ މިނި ބަހާއި ވަރަށް ކައިރިން ކަމަށް ލުބުނާންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.