ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީ އިސްރާއީލުން މިރޭ ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ސަރަހައްދުގައި ހުރި ބިންގަރާހެއްގެ ތެރޭގައި އުޅެނިކޮށް ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ބެއިތު ހަނޫންގެ ކޮމާންޑަރު ހުސެއިން ފިއާދު ކަމަށެވެ.

ފިއާދަކީ އިސްރާއީލްގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލްގެ ޓޭންކުތަކަށް އެތައް ހަމަލާއެއް ދިނުމުގައި ޒިންމާވާން ޖެހޭ ކޮމާންޑަރު ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

މީގެއިތުރުން އޭނާއަކީ ޣައްޒާގެ އުތުރުގައި އިސްރާއީލަށްދޭ މޯޓަރު ބަޑީގެ ހަމަލާތަކުގެ ޒިންމާވާން ޖެހޭ ކޮމާންޑަރު ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނީ ފިއާދު ޝަހީދުކޮށްލީ އެ ގައުމުގެ އަސްކަރިއްޔާގެ ވައިގެ ސިފައިންނާއި ކޮމްބެޓް އިންޖިނިއަރިން ޔުނިޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި ކޮމާންޑަރު ޝަހީދުކޮށްލީ ހަމާސްގެ ބިންގަރާސްތަކާއި އެ ތަނުގެ ތެރެއަށް ވަދެ ފިލާ ތިބި ހަމާސްގެ މުޖާހިދުން ހޯދަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.