ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އެންމެ ފަހުން ދިން ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 20 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މިގޮތުން ޣައްޒާ ސިޓީގެ ޝަބިއްޔާ ސަރަހައްދުގައި އެޕާޓްމަންޓަކަށް ދިން ބޮމުގެ ހަމަލާގައި 10 މީހަކު ޝަހީދުވުމުގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް-ބާލާހުގައި ހުންނަ އެހީ ރައްކާކުރާ ގުދަނަކަށް ދިން ބޮމުގެ ހަމަލާގައި ވެސް 12 މީހުން ޝަހީދުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ.

ފަލަސްތީނުގެ ދައުލަތުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުގެ މަތިންދާ ބޯޓާއި އާޓިލަރީން ގުދަނަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އަދި ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން އަވަށުގެ ގެއަކަށް ރޭ ދިން ވައިގެ ހަމަލާގައި ވެސް މީހުން ގިނަބަަަޔަކު ޝަހީދުވެފައިވާ ކަމަށް ވަފާއިން ބުނެފައިވެއެވެ.

ޣައްޒާގެ އެކި ތަންތަނުގައި މިހާރުވެސް ހަމަލާތައް ދަނީ ބަލަމުންނެވެ. މި ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް ކުށެއް ނެތް އެތައް ބަޔަކު ދުނިޔެއާ ދަނީ ވަކިވަމުންނެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަަދު މިހާރު ވަނީ 35،000 އަށްވުރެ މައްޗަށް އާރާފައެވެ.